ކުށްކުރާ ކުޑަކުދިން ކުށްކުރުމާ ދުރުހެލިކުރުމަށް އަވަހަށް ފިޔަވަޅު އަޅަން ގަވާއިދު އެކުލަވައިލައިފި އެވެ.
މި ގަވާއިދު އެކުލަވައިލުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ކުށްކުރާ 15 އަހަރުން ދަށުގެ ކުދިންނަކީ މުޖުތަމައަށް ބޭނުންތެރި ބައެއް ކަމަށް ހަދައި އެކުދިންނަށް ބޭނުންވާ ރިހިބިލިޓޭޝަން އުސޫލުތައް އެކުލަވައިލުން ހިމެނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައިވާ ގަވާއިދު ބުނާ ގޮތުގައި ޒިންމާދާރު މުއައްސަސާތައް އިސްވެ މިފަދަ ކުދިންނަށް ފަރުވާ ދިނުމަށް ރިހިބިލިޓޭޝަން ހިދުމަތް ދެވޭނެ ނިޒާމުތައް ގާއިމުކުރަން ޖެހޭނެ އެވެ. އެކުދިންނަށް ފަރުވާ ދޭނެ އެކި ޕްރޮގްރާމްތައް މުއައްސަސާތަކާއި ޖަމިއްޔާތައް އިސްވެ ތިބެގެން ހިންގުމަށްވެސް ގަވައިދުގައި ލާޒިމްކޮށްފައިވެ އެވެ.
އެގޮތުން ޕްރޮގްރާމުތައް ހިންޖެހޭ އިދާރާތަކުގެ ތެރޭގައި ފުލުހުންނާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ)، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސްއޫލުވެރި ފަރާތްތައް އަދި ކައުންސިލްތައް ހިމެނެ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާއި މައިންބަފައިންނާ ބެލެނިވެރިން ވެސް ހިމެނެ އެވެ.
މިއިން ކޮންމެ ފަރާތަކަށް ވަކި ޒިންމާތަކެއްވެސް މި ގަވާއިދުގެ ތެރެއިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ޑީޖޭޖޭއަށް ކުށްކުރާ ކުއްޖެއް މައުލޫމާތު ލިބެއްޖެ ނަމަ ކުއްޖާގެ ހާލަތު ދެނެގަތުމަށްޓަކައި އިނީޝަލް އެސެސްމަންޓެއް ހަދަން ޖެހެ އެވެ.
ޖެންޑާ މިނިސްޓްރީ ފަދަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު މަތި ކޮށްފައިވާ ވުޒާރާތަކުން އެފަދަ ކުދިންނަށް ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ.
ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 15 އަހަރުން ދަށުގެ ކުއްޖަކު ގެނެސްފިނަމަ 48 ގަޑިއިރު ތެރޭގައި ޑީޖޭޖޭއަށް އެކުއްޖާގެ މައުލޫމާތު ހިއްސާ ކުރަން ޖެހެ އެވެ. އަދި ކުށެއް ކުރާ ތަން ނުވަތަ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ ކުދިންގެ މައުލޫމާތު ވެސް ޑީޖޭޖޭ އާއި ހިއްސާކުރަން ޖެހޭނެ ކަމަށް އާ ގަވާއިދުގައި ބުނެ އެވެ.
ފުލުހުންގެ އިތުރުން އެކުދިން ތައުލީމު ހާސިލުކުރާ ސުކޫލުން ނުވަތަ ކައުންސިލަކަށް އެފަދަ ކުއްޖެއްގެ މައުލޫމާތު ލިބެއްޖެ ނަމަ ޑީޖޭޖޭއަށް އެ މައުލޫމާތު ހިއްސާކުރަން ވެސް ގަވައިދުގައި އަންގާފައިވެ އެވެ.
ގަވާއިދުގައި ކަނޑައަޅާފައިވާ އިދާރާތަކުން ކުއްޖާއާ މެދު އަވަސް ފިޔަވަޅު އަޅަން ޖެހޭނީ އެ ކުއްޖާގެ މަސްލަހަތު ނުގެއްލޭ ގޮތަށެވެ. ގަވާއިދު ބުނާ ގޮތުގައި ކުށެއްގެ ތުހުމަތުގައިވާ ކުއްޖާއާއި މެދު ގޮތެއް ނިންމަން ވާނީ ކުއްޖާ ހުރި ހާލަތަށާއި އެކުއްޖާގެ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށްފަހު އެވެ.
ގަވާއިދަށް އަމަލުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ކުދިން ކުށްކުރުމުން ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމް ކަނޑައެޅިފައިވާ އިދާރާތަކުން ގާއިމުކުރަން ޖެހެ އެވެ.
ގަވައިދު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އަންގަވާ ގޮތަކަށް މިގަވައިދު ހިނގާ ހުރިހާ އިދާރާއެއް ޝާމިލްވާ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަށްވެސް މި ގަވައިދުގައި ލާޒިމްކޮށްފައިވެ އެވެ.
ކުށްކުރާ ކުޑަކުދިންނަށް އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރުން ގެޒެޓްކޮށްފައިވާ ގަވާއިދު ބުނާ ގޮތުގައި ޑީޖޭޖޭ އަށް އެއްވެސް އިދާރާއަކުން މައްސަލައެއް ހުށަހަޅައިފި ނަމަ މައްސަލަ ހުށަހެޅި އިދާރާއިން ކުއްޖާގެ ކޭސް ފައިލެއް ހަދަން ޖެހެ އެވެ. އަދި މަހަކު އެއްފަހަރު އެ މައްސަލަ ކުރިއަށްދާ ގޮތް އެ އިދާރާއަކުން ބަލަން ޖެހެ އެވެ.
މައްސަލަ ހުށަހަޅާތާ ދެ ދުވަހުގެ ތެރޭގައި ޑީޖޭޖޭ އިން މައްސަލަ ރަޖިސްޓާ ކުރަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.
ކުށްކުރާ ކުޑަކުދިން މަދުކުރުމަށް އަދި އެކުދިންނަށް ދޭން ޖެހޭ ފަރުވާ ދިނުމަށް ސަރުކާރާއި މުއައްސަސާތަކުން ފަރުވާކުޑަ ކަމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ބުނެ އެވެ.