ބޭރު ކުޅިވަރު

ރޮނާލްޑޯ އަލުން ކުޅެން ނުކުންނަނީ

އެމެރިކާގެ ދެވަނަ ޑިވިޝަންގެ ކްލަބަކާއެކު މި އަހަރު އަލުން ކުޅެން ނުކުންނަން ވިސްނަމުންދާ ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ބުނެފި އެވެ.

"ކުޅެން އަލުން ފެށުމަކީ ފަސޭހަކަމެއް ނޫން،" ކުރިން ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އޭސީ މިލާނަށް ކުޅުނު ރޮނާލްޑޯ ބުންޏެވެ. "އަހަރެން އަބަދު ވެސް ވަރަށް ކުޅޭ ހިތްވޭ. އަހަރެން ރިޓަޔާކުރީ އަހަރެންގެ ހަށިގަނޑަށް ކެތް ނުވެގެން. އަހަންނަށް ވަރަށް ގިނަ އިންޖަރީތައް ކުރިމަތިވެ، ވަަރަށް ވޭނުގައި ކުޅުނީ. އަލުން ފިޓުވުމަކީ ފަސޭހަަކަމެއް ނޫން. އެކަމަކު އަހަރެން މަސައްކަތްކުރާނަން."

ފޯޓް ލައުރަޑޭލް ސްޓްރިކާސް އަކީ ރޮނާލްޑޯ ހިއްސާވާ ކްލަބެކެވެ. ކުޅުން ހުއްޓާލި ފަހުން ރޮނާލްޑޯ ވަނީ ނައިން ސްޕޯޓްސް އެންޑް އެންޓަޓެއިންމަންޓް ކިޔާ މާކެޓިން ކޮމްޕެނީއެއްގެ ވެރިޔަކަށްވެފަ އެވެ. މި ކުންފުންޏަކީ ބްރެޒިލްގެ ފޯވަޑް ނޭމާ ތަމްސީލްކުރާ ކުންފުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު 1996 ވަނަ އަހަރާއި 1997 ވަނަ އަަހަރު އަދި 2002 ވަނަ އަހަރު ހޯދި ރޮނާލްޑޯ އަކީ ދުނިޔޭގައި އެފެދުނު އެންމެ މޮޅު އެއް ފޯވަޑެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 62 ލަނޑު ޖަހައިފައިވާ ރޮނާލްޑޯ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއާ އެވެ. ރޮނާލްޑޯ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލް އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ  އެވެ.

ކެރިއަރުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ރޮނާލްޑޯ 2011 ވަނަ އަހަރު ރިޓަޔާކުރީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ. އޭރު އޭނާ ކުޅުނީ ބްރެޒިލްގެ ކޮރިންތިއަންސްއަށެވެ . -- އީއެސްޕީޢެން