އަހުމަދު ސަމީރު

މިނިސްޓަރު ސަމީރުގެ ޝުކުރު ދިއްދޫ ކައުންސިލާ ރައްޔިތުންނަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ ދައްތަ އައިމިނަތު ޒާހިރާ ނިޔާވެއްޖެ އެވެ.

އެކަމަނާ ނިޔާވީ ހުކުރު ދުވަހުގެ ހެނދުނު 7:05 ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރު ކުރީ 11:00 ޖެހިއިރު ހުޅުމާލެ އާސަހަރާއެވެ.

އައިމިނަތު ޒާހިރާގެ މައްޗަށް ދިއްދޫގެ މިސްކިތްތަކުގައި ވަނީ ޣައިބަށް ކަށުނަމާދު ކޮށްފައެވެ. ދިއްދޫގައި ހުކުރު ކުރާ ތިން މިސްކިތުގައި ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށު ނަމާދުކޮށްފައިވެއެވެ. ކަށު ނަމާދުގައި ދިއްދޫގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ދިއްދޫ ކައުންސިލާއި ރައްޔިތުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

"އަޅުގަނޑުގެ ދައްތަ ނިޔާވުމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުގެ ފަރާތުން އާއިލާއަށް ތައުޒިޔާ ފޮނުވައި، ރަށުގެ ހުކުރު ނަމާދު ކުރާ ތިން މިސްކިތުގައި ހުކުރު ނަމާދަށް ފަހު ޣައިބުގައި ކަށު ނަމާދު ކުރުމުން އިހުސާސް ކުރެވެނީ ގާތްކަމާއި އަހުވަންތަކަން އަބަދުވެސް ދިއްދޫގެ ލޮބުވެތި އަހުންނާއި އުހުތުންގެ ކިބައިން ނެތިގެން ނުދާ ކަމުގެ އިހުސާސް، ހިތުގެ އެންމެ އިހުލާސްތެރި ޝުކުރު އަރިސްކުރަން،" މިނިސްޓަރު ސަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ސަމީރު ވަނީ ދިއްދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވާ ދިއްދޫ އާއި ދާއިރާގެ ތަަރައްގީ އާއި ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އަދި އޭގެ ފަހުންވެސް ދިއްދޫގެ ރައްޔިތުންނާއި ހާއްސަ ގުޅުންތަކެއް ބާއްވަވައެވެ.