ވެެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ނުރުހުމާއި ފާޑުކިޔުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރަށް ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.
ގާސިމްގެ ޕެރަޑައިސް ރިސޯޓުގައި އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ސޯލިހަށް އަމާޒުކުރައްވާ ގާސިމް ވިދާޅުވީ "މަތިމައްޗަށް" ރައީސް ސޯލިހް ގޯސް ހައްދަވަމުން ގެންދަވާ ކަމަށެވެ. އެހެންވެ ގާސިމް އެދިވަޑައިގަތީ ރައީސް ސޯލިހް "ގެއަށް ކަނޑާ"ލުމަށެވެ.
ގާސިމްގެ ނުރުހުން ރައީސް ސޯލިހަށް އަމާޒުވީ ވިލާ ގުރޫޕަށް ލިބިފައިވާ އޮތް ވާވެއްދި ފަޅު އެ ކުންފުނިން ވިއްކަން އުޅުމުން އޭސީސީ އިން ހުއްޓުވާފައިވާތީއާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިދިޔަ ދުވަސްތަކުގައި ހުއްޓިފައި އޮތުމުންނެވެ.
ގާސިމް މިއަދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކުންފުނިން ވިއްކަން އުޅުނު ފަޅު ވިއްކުން ހުއްޓުވާ އަދި ރައްޔިތުންގެ މަޖިލިސްވެސް ހުއްޓުވީ ރައީސް ސޯލިހުގެ ސަރުކާރާއި ވެރިކަން ކުރާ އެމްޑީޕީންނެވެ.
"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް. މަނިކުފާނު އެހެންވީމާ އިތުރަށް ކުރިމަތިލައްވައިގެން ވެރިކަމަށް ވަޑައިގަންނަވަންށޭ ކިޔާފައި އުޅުއްވުމުގެ މާނައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
ގާސިމުގެ ނުރުހުން މިނިސްޓަރު ސަމީރަށް އަމާޒުވީ އޭނާގެ ނުފޫޒުގައި ޖޭޕީގެ މެންބަރުންތަކެއް އެމްޑީޕީއަށް ގެންދިޔަ ކަމުގެ ތުހުމަތު ގައެވެ. ސަމީރު ވަނީ ޖޭޕީގެ މެންބަރުންތަކަކާ އެކު މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.
ސަމީރު މިދިޔަ މާޗް މަހުގެ ތެރޭގައި ޖޭޕީން އިސްތިއުފާ ދެއްވާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޕާޓީގެ ކައުންސިލުން ނިންމި ނިންމުމަކީ ގައުމަށް މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލުނުކުރައްވާތީ އެވެ.
ސާމީރަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ ސަމީރު އިސްވެ ހުންނަވައިގެން ޖޭޕީގެ މެމްބަރުންތަކެއް އެމްޑީޕީއަށް ގެންދިޔައީ ސަރުކާރުގެެ ތެރެއިން މަގާމުތަކެއް ދޭނެ ކަމަށް ވިދާޅުވެގެން ކަމަށެވެ.
"ލަދެއް ހަޔާތެއް ހުންނަން ވާނެދޯ ސަމީރެއް ކަމަކު. އަދި އެހެން މީހެއް ކަމަކުވެސް،" ސަމީރަށް އަމާޒުކުރައްވާ ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން ސަރުކާރުގައި ތިބި އެޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަދިވެސް ހުންނެވީ ޖޭޕީގެ މެންބަރެއްގެ ގޮތުގަ އެވެ.