އަހުމަދު ސަމީރު

މިނިސްޓަރު ސަމީރު ޖޭޕީން ވަކިވާން ނިންމަވައިފި

Mar 14, 2023
2

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރު ޖޭޕީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.

ޖޭޕީ އިން ސަމީރު އިސްތިއުފާ ދެއްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމުމާ ގުޅިގެންނެވެ

މިހުށަހެޅުމަށް ޖޭޕީގެ ކައުންސިލްގައި މިއަދު ވޯޓަށް އެހުމުން މިހުށަހެޅުމަށް ސަމީރު ވޯޓު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހްލާ އާއި މިސަރުކާރުގެ އިސް ބައެއް ބޭފުޅުން ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދެއްވި އެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމަށްފަހު ސަމީރު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމަށް އޭނާ ތާއީދުކުރައްވާތީ ޖޭޕީ އިން ކެންޑިޑޭޓަކު އިންތިހާބަށް ނެރެން ނިންމުމާ ގުޅިގެން އޭނާ ޖޭޕީގެ ހުރުމަކީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ސަމީރަކީ ގާސިމްގެ އަރިހުގައި ޖޭޕީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ. ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ ސަމީރު ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހއ. އަތޮޅު މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.

ޖޭޕީ މިހާރު ވެސް އޮތީ މިވަގުތު ވެރިކަން ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގަ އެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައި މިވަނީ އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ގާސިމަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.