ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އޭގެ ވޭލްސްއާއި ސްވިޒާލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ދެ ޓީމު އެއްވަރުވެއްޖެ އެވެ.
އަޒަރުބައިޖާނުގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖެހީ ސްވިޒާލެންޑުންނެވެ. މެޗުގެ 49 މިނެޓުގައި އެ ޓީމަށް މި ގޯލް ޖަހައިދިނީ ބްރީލް އެމްބޮލޯ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ވޭލްސްގެ ގޯލް ޖަހައިދިނީ މެޗުގެ 74 ވަނަ މިނެޓުގައި ކިއެފާ މޯއާ އެެވެ.
ސްވިޒާލެންޑުން އިތުރު ގޯލެއް މެޗުގެ 84 ވަނަ މިނެޓުގައި ވޭލްސްގެ ކޮޅަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފް ސައިޑް ގޯލެއް ކަމަށެވެ.
ފްރާންސްގެ ލެމަންޓް ޓާފިން ރެފްރީ ކަން ކުރި މި މެޗުގައި ސްވިޒާލޭންޑްގެ ދެ ކުޅުންތެރިޔަކަށް އަދި ވޭލްސްގެ އެއް ކުޅުންތެރިޔަކަށް ރީދޫ ކާޑެއް ދައްކާފައިވެ އެވެ.
މިރޭގެ މި މެޗާ އެކު ގުރޫޕް އޭގައި ހިމެނޭ ހަތަރު ޓީމުން ވެސް މިވަނީ އެއް މެޗު ކުޅެފަ އެވެ.
ގުރޫޕްގެ އޭގެ ފުރަތަމަ މެޗުގައި އަދި މި މުބާރާތް ހުޅުވި މެޗުގައި ރޭ ބައްދަލުކުރީ އިޓަލީ އާއި ތުރުކީ އެވެ.
އިޓަލީ ވަނީ ފަސޭހަ ކަމާ އެކު މި މެޗު ކާމިޔާބުކޮށްފަ އެވެ. އިޓަލީން މި މެޗުގައި ތުރުކީ ކޮޅަށް ތިން ގޯލް ޖަހާފައިވެ އެވެ.
ގުރޫޕް އޭގެ ޕޮއިންޓްތަކަށް ބަލާއިރު ތިން ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ އިޓަލީ އެވެ. އެއް ޕޮއިންޓާ އެކު ސްވިޒާލޭންޑާއި ވޭލްސް ދެވަނައިގައި އޮތް އިރު އެއްވެސް ޕޮއިންޓެއް ނުލިބި ތުރުކީ އޮތީ ގުރޫޕްގެ ފުލުގަ އެވެ.