ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ޑީގެ ދެވަނަ މެޗުގައި ސްކޮޓްލެންޑް ބަލިކޮށް ޗެކް ރިޕަބްލިކުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެެވެ.
ސްކޮޓްލެންޑްގެ ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މިމެޗު ޗެކްރި ޕަބްލިކުން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެ ލަނޑުވެސް ޖެހީ ޕެޓްރިކް ޝިކް އެވެ. ޖަރުމަނުގެ ޑެނިއެލް ސެބާޓް ރެފްރީ ކަން ކުރި މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 42 ވަނަ މިނެޓުގަ އެވެ. އަދި ދެވަނަ ލަނޑު ޖެހީ 52 މިނެޓުގަ އެވެ.
ޕެޓްރިކްގެ ދެވަނަ ލަނޑަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ދުރުން ޖެހި ގޯލެވެ. ސްކޮޓްލެންޑްގެ ކީޕަރު ކުރިއަށް ނިކުމެ ހުރި ވަގުތުގެ ފައިދާ ނަގައި ޕެޓްރިކް މި ގޯލް ޖެހީ ސްކޮޓްލެންޑްގެ ހާފްގެ މެދަކާ ހިސާބުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މި މެޗުގައި ސްކޮޓްލެންޑް ބަލިވި ނަމަވެސް އެ ޓީމުން ރަނގަޅު ހަމަލާތަކެއް އުފައްދާ، ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެއް ހަމަލާގައި ގޯލް ދަނޑީގައި ބޯޅަ ޖެހި ބޭރުވިއިރު ދެވަނަ ހަމަލާގައި ބޯޅަ ވެއްޓުނީ ހުރަސް ދާގަނޑު މައްޗަށެވެ.
ސްކޮޓްލެންޑާއި ޗެކް ރިޕަބްލިކް މީގެ ކުރިން ވަނީ ހަތް ފަހަރު ބައްދަލުކޮށްފަ އެވެ. ސްކޮޓްލެންޑުން ހަތަރު މެޗު ކާމިޔާބުކުރިއިރު ޗެކް ރިޕަބްލިކް ކާމިޔާބު ކުރީ ދެ މެޗެވެ. ބާކީ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މި މެޗާ އެކު ގުރޫޕް ޑީ ގައި ހިމެނޭ ހަތަރު ޓީމުން ވެސް މިވަނީ އެއް މެޗު ކުޅެފަ އެވެ.
ގުރޫޕްގެ ޑީ ގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ އިނގިރޭސިވިލާތާއި ކްރޮއޭޝިއާ އެވެ. އިނގިރޭސިވިލާތުން މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ.
ގުރޫޕް ޑީ ގެ ޕޮއިންޓްތަކަށް ބަލާއިރު ޗެކް ރިޕަބްލިކާއި އިނގިރޭސިވިލާތުން އެ ޓީމުތަކުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާތީ އެ ދެ ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެެވެ. ނަމަވެސް ޖެހި ގޯލުގެ އަދަދުން ގުރޫޕް ޑީ ގެ އެއްވަނަ ލިބިފައިވަނީ ޗެކް ރިޕަބްލިކަށެވެ. ބައިކޮޅަށް ވަދެފައިވާ އެއް ގޯލާއި އެކު ގުރޫޕްގެ ތިންވަނައިގައި އޮތީ ކްރޮއޭޝިއާ އެވެ. ގުރޫޕް ފުލުގައި ސްކޮޓްލެންޑް އޮތީ ބައިކޮޅަށް ވަދެފައިވާ ދެ ގޯލާއި އެކު އެވެ.
ކްރޮއޭޝިއާ އާއި ސްކޮޓްލެންޑަށް އެއްވެސް ގޯލެއް ޖެހިފައިވާ ނުވާތީ އާއި ފުރަތަމަ މެޗުން ބަލިވެފައިވާތީ އެއްވެސް ޕޮއިންޓެއް ވެސް ލިބިފައެއް ނުވެ އެވެ.