ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މަރުގެ ގުރޫޕްގެ ގޮތުގައި ބަލައި ގުރޫޕް އެފްގެ ފުރަތަމަ މެޗުގައި ހަންގޭރީއާ ވާދަކޮށް ޕޯޗުގަލް މެޗު ކާމިޔާބުކޮށްފި އެވެ
ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗު ޕޯޗުގަލް ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނެޓުގައި ތިން ގޯލް ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ގޯލް 84 ވަނަ މިނެޓްގައި ޖެހީ ޕޯޗުގަލްގެ ރަފޭލް ގުރޭރޯ އެވެ. ދެވަނަ ގޯލް މެޗުގެ 87 ވަނަ މިނެޓްގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހީ ހަންގޭރީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ ތިންވަނަ ގޯލް ރޮނާލްޑޯ ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ލިބުނު ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގަ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލަށް ރޮނާލްޑޯ މިރޭ ޖަހައިދިން ދެ ގޯލާ އެކު އޭނާ އަށް ވަނީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބިފަ އެވެ.
މި މެޗުގެ 80 މިނެޓުގައި ހަންގޭރީ ވެސް ޕޯޗުގަލްގެ ކޮޅަށް ގޯލެއް ޖެހި އެވެ. ނަމަވެސް ސަބޯޗް ޝުން ޖެހި މި ގޯލް ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.
އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގައި ވެސް ޕޯޗުގަލާއި ހަންގޭރީ ހިމެނުނީ އެއް ގުރޫޕެއްގަ އެވެ. ފްރާންސްގައި 2016 ވަނަ އަހަރު ކުޅުނު އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޕޯޗުގަލާއި ހަންގޭރީ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެ އަހަރު ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލިއިރު ގުރޫޕްގެ އެއްވަނައިގައި އޮތީ ވެސް ހަންގޭރީ އެވެ.
ތުރުކީގެ ޖުނީތު ޗާކިރު ރެފްރީ ކަން ކުރި މި މެޗުގައި ތިން ކުޅުންތެރިޔަކަށް ރީދޫ ކާޑު ދައްކާފައިވާއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓާ، މޮޅަށް ކުޅުނީ ޕޯޗުގަލުންނެވެ.
ގުރޫޕް އެފްގައި ހިމެނޭ އަނެއް ދެ ޓިމަކީ ފްރާންސާއި ޖަރުމަނެވެ. މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ޖަހާއިރު އެވެ.
ގުރޫޕް އެފްގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު ދެން އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ އެންމެ ފަހުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރި ފްރާންސާއި ޕޯޗުގަލްގެ މެޗެވެ. އަމިއްލަ ގައުމުގައި ކުޅުނު ފައިނަލް މެޗުގައި ޕޯޗުގަލާ ވާދަކޮށް ފްރާންސް ބަލިވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ހަމައެކަނި ގޯލް ޕޯޗުގަލުން ކާމިޔާބު ކުރުމާ ގުޅިގެންނެވެ.