ޔުއެއާފާ ޔޫރޯ 2020

ރަޝިއާ ބަލިކޮށް ބެލްޖިއަމް ރަނގަޅަށް ފަށައިފި

Jun 13, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ ރަޝިޔާ އާއި ބެލްޖިއަމް ބައްދަލު ކުރި މެޗް 3-1 އިން ކާމިޔާބު ކޮށް ބެލްޖިއަމް ތިން ޕޮއިންޓާއެކު މުބާރާތް ރަނގަޅަށް ފަށައި ހަމަޖެހިލައިފި އެވެ.

މިރޭގެ މެޗުގައި ބެލްޖިއަމަށް ފުރަތަމަ ލަނޑު ޖަހައި ދިނީ މެޗުގެ 10 ވަނަ މިނެޓްގައި ރޮމޭލޫ ލުކާކޫ އެވެ. އޭނާ ވަނީ ލަނޑު ޖެހުމަށް ފަހު ޑެންމާކުގެ ތަރި، އަދި އެކުވެރި ޓީމް މޭޓް، ކްރިސްޓަން އެރިކްސަން އަށް ގޯލް ހަދިޔާކޮށްފަ އެވެ. އެރިކްސަން އާއި ލުކާކޫ ކުޅެނީ އިޓަލީގެ އިންޓަމިލާނަށެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު ޖެހި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ތޯމަސް މުނިއޭ އެވެ. އޭނާ ލަނޑު ޖަހާފައި ވަނީ 34 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު ލުކާކޫ ޖެހީ ފަހު ހާފުގެ 88 ވަނަ މިނެޓްގަ އެވެ.

ގްރޫޕޫ ބީގައި ދެން ހިމެނޭ ޑެންމާކާއި ފިންލޭންޑްގެ މެޗްުގެ ފުރަތަމަ ހާފު 0-0 އިން ނިމޭން ދަނިކޮށް މެޗް ހުއްޓާލަން މެޖުބޫރުވީ ޑެންމާކްގެ ތަރި ކްރިސްޓަން އެރިކްޝަން ކުއްލި ގޮތަކަށް ދަނޑުމައްޗަށް ވެއްޓި އޭނާގެ ހާލު ދެރަވެ ފަރުވާ ދޭން ޖެހިގެނެވެ.

ކުޅުން ހުއްޓާލި އެ މެޗް ޔުއެފާއިން ސަސްޕެންޑު ކުރުމަށް ފަހު އަލުން ފަށައިގެން ކުޅެ ފިންލެންޑު މޮޅުވީ ހައިރާން ކުރުވަނިވި ގޮތަކަށް 1-0 އިންނެވެ.

ޑެންމާކަށް ރެއަކީ ހުރިހާ ގޮތަކުން ވެސް ބަދު ނަސީބު ރެއަކަށްވި ނަމަވެސް އެރިސްކަން ހާލު މިހާރު ރަނގަޅެވެ.