ލައިފްސްޓައިލް

ބޮޑުމަހެއްގެ އަނގައިން މި މީހާ ސަލާމަތްވީ މަސް ހޮޑުލުމުން

ބޮޑު މަހެއްގެ ބަނޑުތެރެއިން އިންސާނަކު ސަލާމަތް ވުމަކީ "މުއުޖިޒާތެއް" ފަދަ ކަމެއް ކަމަށް މި ވާހަކަ އިވޭ ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ އެވެ. އެމެރިކާގެ މެސަޗޫސެޓްސްގެ ޕްރޮވިންސްޓައުންގެ ކޭޕް ކޮޑް ކޯސްޓްގައި ދިރިއުޅޭ މައިކަލް ޕެކާޑް ވަނީ މި ބިރުވެރި ތަޖުރިބާ ހަގީގަތުގައި ވެސް ކޮށްފަ އެވެ.

އުމުރުން 56 އަހަރުގެ ޕެކާޑް އަކީ ލޮބްސްޓާ ނަގަން ފީނާ ޑައިވަރެކެވެ. ކޭޕް ކޮޑްގެ އައްސޭރި ފަށުގެ ހިސާބަށް ޑައިވް ކޮށްގެން އުޅެނިކޮށް ހަމްޕްބެކް ވޭލް ކިޔާ ވައްތަރުގެ ބޮޑު މަހެއް އޭނާ ދިރުވާލި އެވެ. ޕެކާޑްގެ ފުރާނަ ސަލާމަތްވީ ދިރުވާލުމަށް ފަހު މާ ގިނައިރު ނުވަނީސް އެސޮރު ހޮޑުލީއިރު އޭގެ ބަނޑުން އޭނާއަށް ނުކުމެވުނީމަ އެވެ.

އެއީ މި އަހަރުގެ ޖެނުއަރީ މަހުގެ 11 ވީ ހުކުރު ދުވަހެވެ. ހެނދުނު 8.00 ހާއިރު ޕެކާޑް އާއި އޭނާއާއެކު ލޮބްސްޓާ ނެގުމުގައި އުޅޭ މީހުން ކަނޑުގައި ދުއްވާ އުޅަނދެއްގައި ދަތުރު ފެށި އެވެ. އޭރު ޓެމްޕްރޭޗާ ހުރީ 60 ޑިގްރީގައި ކަމުން ކަނޑުގެ އަޑިން 20 ވަރަކަށް ފޫޓު ހަމަ ލޮލަށް ފެނެ އެވެ.

ޕެކާޑް ޑައިވް ކުރުމާއެކު ސްޓްރައިޕާ އާއި އެނޫން ވެސް ބައެއް ކަހަލަ މަސްތައް އޭނާއަށް ފެނުނެވެ. ދެން އިރުކޮޅަކުން ވީގޮތެއް ނޭނގި މުޅި ތަން އަނދިރިގަނޑަކަށް ވިއެވެ. ދެން ކުއްލިއަކަށް އޭނާއަށް ވަރަށް ބާރަށް އެއްޗެއްގެ ތެރެއަށް ދަމައިގަތް ކަހަލަ ގޮތެއް އިހްސާސްވި އެވެ.

މި ބިރުވެރި ތަޖުރިބާ ޕެކާޑް ކިޔައިދީފައި ވަނީ ދާދިފަހުން ދެއްކި ޑަބްލިޔުބީޒެޑް ޓީވީ ނިއުސްގެ ޕްރޮގްރާމަކަށް ދިން އިންޓަވިއު އެއްގަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ހީކުރީ މިޔަރެއް އޭނާއަށް ހަމަލަ ދިނީ ކަމަށެވެ. ސަބަބަކީ އޭނާގެ ގައިގައި އެއްޗެއް ދަތްއެޅި އިހްސާސް ނުވުމާއި އެއްވެސް ކަހަލަ ތަދެއް އިހްސާސް ނުވީމަ އެވެ. ބޮޑުމަހެއް އޭނާ ދިރުވާލަން މަސައްކަތް ކުރަނީކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ.

މަރުވަނީ ކަމަށް ހިތާ އެ ވަގުތު ވަރަށް ބިރުގަތް ކަމަށް ޕެކާޑް ބުންޏެވެ. ދެން ދުވަހަކު ވެސް އަންހެނުންނާއި ދަރިން ފެންނާނެ ކަމުގެ އުންމީދު ޕެކާޑަށް އެ ވަގުތު ގެއްލުނެވެ.

ޕެކާޑް ލަފާ ކުރާ ގޮތުގައި އެ ބޮޑުމަހުގެ އަނގަ ތެރޭގައި އޭނާ މަދުވެގެން 30 ސިކުންތު އޮތެވެ. އެ ވަގުތު އޭނާއަށް ނޭވާ ލެވުނީ ބްރީތިން އެޕަރޭޓަސް މަސައްކަތް ކުރީމަ އެވެ.

ޕެކާޑް އަނގަ ތެރޭގައި ބާއްވާއިގެން އެ ބޮޑު މަސް އެސޮރުގެ ބޯ ފެންމަތިން އުފުލާލި އެވެ. އަދި ބޯ ދެކޮޅަށް ތަޅުވަ ތަޅުވާފައި ހޮޑުލީއިރު ޕެކާޑް ވެސް އަނބުރާ ކަނޑަށް ވެއްޓުނީ އެވެ.

މަހުގެ އަނގަ ތެރޭން ސަލާމަތްވުމުން ފްލޯޓް ކުރަމުން ޕެކާޑް ދިޔައިރު އޭނާއަށް ސަލާމަތް ވެވުނީމަ އެ ލިބުނު ހިތްހަމަޖެހުމާއެކު އޭނާއަށް ކުރިމަތިވީ މި ހާދިސާ ގަބޫލުކު ރަން ވެސް ދަތިވިކަމަށް ޕެކާޑް ބުންޏެވެ.

ޕެކާޑް ސަލާމަތްކުރީ އޭނާއާއެކު އެ ބޯޓުގައި ދަތުރުކުރި މީހުންނެވެ. އެމީހުން ޕެކާޑްގެ އަތުގައި ހިފައި ދަމާ ބޯޓަށް އެރުވީ އެވެ.
ޕެކާޑްމެން ދަތުރުކުރި ބޯޓުގެ ކެޕްޓަން ޖޯ ފްރާންސިސްއަށް މި މަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ. މަހުގެ އަނގަ ތެރެޔަށް ޕެކާޑް ދަމައިގަތް ތަނާއި އެސޮރުގެ އަނގައިން އޭނާ ނުކުތް ތަނެވެ. ޖޯގެ އިންޓަވިއުގައި އޭނާ ބުނި ގޮތުގައި ޕެކާޑް ސަލާމަތްވީ ހަމަ ނަސީބު ގަދަކަމުންނެވެ.

ޕެކާޑް ވެސް ބުނީ އެ ބޮޑު މަހުގެ އަނގަ ތެރޭގައި އޭނާ އޮތް ކަމާއި އެސޮރު ހޮޑަށް އޭނާ ނެރެ އެއްލާލިކަން ގަބޫލު ކުރަން ވެސް ދައްޗެވެ.

ޕެކާޑް ފުރަތަމަ ހީކުރީ މި ހާދިސާގައި އޭނާގެ ފައި މުޅިން ފުނޑުފުނޑުވެފައި އޮތް ކަމަށެވެ. ނަމަވެސް އަލުން ރަނގަޅު ނުކުރެވޭ ވަރުގެ ގެއްލުމެއް ފަޔަށް ލިބިފައެއް ނެތެވެ. އެހެންވެ ހޮސްޕިޓަލުގައި ދުވަސްކޮޅަކު އޮވެ ފަރުވާ ހޯދުމަށްފަހު ކޮރު ޖަހައިގެން ހިނގޭ ވަރަށް އޭނާގެ ފައި ރަނގަޅުވެފައިވާ ކަމަށް ޕެކާޑް ބުންޏެވެ.