ކުރީ ޒަމާނުގެ މައިތޮލޮޖިކަލް ފިލްމު "ސީތާ" ކުޅެން ކަރީނާ ކަޕޫރު ސޮއި ކުރި ވާހަކައެއް ދާދި ފަހުން އިންޑިޔާގެ ނޫސްތަކުން ފަތުރާފައި ވެއެވެ. އަދި މި ފިލްމު ކުޅެދޭން ކަރީނާ އެއްބަސްވެފައި ވަނީ 12 ކްރޯޑު ރުޕީސް އަށް ކަމަށް ވެސް ހަބަރުގައި ބުނެފައި ވެއެވެ. އެއާއެކު ޓުވިޓާގައި ގިނަ ބަޔަކު ކަރީނާ އަށް ނުރުހުން ފާޅު ކުރަން ފެށި އެވެ. އަދި ކަރީނާ ބޮއިކޮޓް ކުރަން ވެސް މި މީހުން އަޑު އުފުލާފައި ވެއެވެ.
ކަރީނާއަށް އަމާޒު ކޮށްފައިވާ ރުޅިވެރި މެސެޖުތަކުން އިސާހިތަކު މުޅި ސޯޝަލް މީޑިއާ ބަންޑުން ކޮށްލި އެވެ. އިންޑިޔާގެ ހިންދޫން ބުނަނީ އެމީހުންގެ ދީނީ އަގީދާއަށް ގެއްލުން ދޭން ކަރީނާ މަސައްކަތް ކުރާ ކަމަށެވެ. އިންޑިޔާ މީހުން ރުޅި ގަދަވީ "ސީތާ" އަކީ ބުދު ދީނުގެ ވާހަކަތައް ކިޔައިދޭ ފިލްމަކަށް ވެފައި އެ ފިލްމު ކުޅެދޭން އެހާ ބޮޑު އަގެއް ކަރީނާ ކިޔައިގެނެވެ.
ކަރީނާ ލައްވާ މިހާ ބޮޑު އަގެއް ދީގެން މި ފިލްމު ކުޅުވަން އުޅޭތީ "ސީތާ" ގެ ޑައިރެކްޓަރު ބޮއިކޮޓް ކުރަން ވެސް ރުޅި ގަދަ ވެގެން އުޅޭ ބައެއް މީހުން ގޮވަމުން ދިޔަ އެވެ.
ކަރީނާ ބޮއިކޮޓް ކުރަން ގޮވަމުންދިޔަ މީހުންގެ ތެރެއިން މީހަކު ކަރީނާގެ ފިރިމީހާ ސައިފް އަލީ ހާން ވެސް މި މައްސަލައިގެ ތެރެއަށް ވެއްދި އެވެ. އެމީހާ ބުނީ ސައިފް ވެސް ވަނީ "ޓާންޑަވް" ގައި ހިންދޫންނަށް މަލާމަތް ކޮށްފައި ކަމަށެވެ. އަދި ކަރީނާ ވެސް އެކަން ރިޕީޓް ކުރަން މަސައްކަތް ކުރަނީ ކަމަށެވެ.
ދީޕާ ބާންސާލީ ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަރީނާ ކަހަލަ ހިންދޫ ދީނަށް އިހުތިރާމެއް ނެތް މީހަކު ލައްވާ ސީތާގެ ރޯލު ކުޅުވުމަކީ ފިލްމު ބަލާ މީހުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.
އިންޑިޔާގެ ނޫހަކުން މި ހަފުތާގެ ކުރީކޮޅު ރިޕޯޓު ކޮށްފައިވާ ގޮތުގައި "ސީތާ" ކުޅެދޭން ކަރީނާ އެއްބަސްވެފައި ވަނީ 12 ކްރޯޑަށެވެ. މިއީ އޭނާ އާންމުކޮށް ފިލްމެއް ކުޅެން ނަގާ އަގަށް ވުރެ މާ ބޮޑު އަގެކެވެ. ކަރީނާ މިހާރު ފިލްމެއް ކުޅެދެނީ 6 އާއި 8 ކްރޯޑް ރުޕީސް އަށެވެ.
ކަރީނާގެ އަގު ބޮޑުވެގެން އެ ފިލްމު ޕްރޮޑިއުސްކުރާ ފަރާތުން މިހާރު އެހެން ބަތަލާ އަކަށް އެ ރޯލު ދޭން ވާހަކަ ދައްކަމުންދާ ކަމަށް ވެސް ހަބަރުގައި ބުނެފައި ވެއެވެ.
ޓުވިޓާގައި ކަރީނާއާ ދެކޮޅަށް މިހާ ވަރުގަދަ ރުޅިގަނޑެއް ފެތުރިގެން މި އުޅެނީ އަދި މިއީ ތެދެއްކަން ދޮގެއްކަން މުޅިން ޔަގީން ވެސް ނުކުރެވެނީހެވެ. ސަބަބަކީ މިކަމާ ބެހޭ ގޮތުން "ސީތާ" ގެ ޕްރޮޑިއުސަރުން ވެސް އަދި ކަރީނާ ވެސް އެއްވެސް އެއްޗެކޭ ބުނެފައި ނުވާތީ އެވެ.