ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ ކުރީގެ އަނބިމީހާ އަންޖަލީ މީގެ އެތައް އަހަރެއް ކުރިން ދީފައި އޮތް އިންޓަވިއު އެއް ދާދިފަހުން އަނެއްކާވެސް ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބަޔެއްގެ ސަމާލުކަމަށް މި އިންޓަވިއު އައިސްފައި ވެއެވެ. އެ އިންޓަވިއުގައި އަންޖަލީ ބުނެފައިވަނީ ރާޖް އާއި ޝިލްޕާގެ ލޯބީގެ ކުޅިގަނޑު ފެށިއިރު އޭނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށެވެ. އަދި ވަރީގެ ވާހަކަ ރާޖް ދައްކަން ފެށީ ވެސް އޭނާ ނުވެސް ވިހަނީސް ކަމަށެވެ.
މި އިންޓަވިއުގައި އަންޖަލީ ދެއްކި ވާހަކަތަކަށް ރާޖް ޖަވާބު ދީފައިވަނީ މިގެ ދެ ދުވަހެއް ކުރިންނެވެ. ޕިންކްވިލާ އޮންލައިން ނޫހަށް ރާޖް ދީފައިވާ އިންޓަވިއު އެއްގައި އަންޖަލީގެ ބޮލުގައި ވަރަށް ބޮޑެތި އިލްޒާމްތައް އަޅުވާފައި ވެއެވެ. ރާޖް ބުނި ގޮތުގައި އޭނާ އާއި އަންޖަލީ ވަރިވާން ޖެހުނީ ޝިލްޕާގެ ސަބަބަކުން ނޫނެވެ. އަންޖަލީ އާއި ރާޖްގެ އަންހެންކޮއްކޮގެ ފިރިމީހާ އާ ނާޖާއިޒު ގުޅުމެއް ބޭއްވި ކަމަށާއި ރާޖްގެ މަންމަގެ ލޮލަށް އެތައް ފަހަރަކު އެ މަންޒަރު ފެނިފައިވާ ކަމަށް ރާޖް ބުންޏެވެ. އަދި އޭނާ އަންޖަލީ ވަރިކުރީ އެ ސަބަބާ ހެދި ކަމަށް ރާޖްގެ އިންޓަވިއުގައި ބުނެފައި ވެއެވެ. އެ ދެ މީހުންގެ ދަރިފުޅަށް އެންމެ 40 ދުވަސް ވީތަނާ ވަކިވާން ޖެހުނީ މި ސަބަބާ ހެދިކަމަށް ރާޖް ބުންޏެވެ.
ރާޖް ބުނި ގޮތުގައި އަންޖަލީގެ ކުރީގެ އިންޓަވިއު އަލުން ވައިރަލް ވުމުން ވެސް އަންޖަލީ އާ ދެކޮޅަށް އޭނާ ވާހަކަ ދައްކަން ޝިލްޕާ ގަބޫލެއް ނޫނެވެ. އަދި މި އިންޓަވިއު ދީގެން ޝިލްޕާ ހުރީ އޭނާ ދެކެ ވަރަށް ރުޅި އައިސްފަ އެވެ.
ނަމަވެސް މި ވާހަކަ ދައްކަން އޭނާއަށް މިހާރު ކޮންމެހެން ވެސް މަޖްބޫރު ވެފައިވާ ކަމަށާއި މީގައި ދެ އާއިލާއެއްގެ އިއްޒަތާއި ކަރާމަތް ޝާމިލުވާތީ މި ވާހަކަތައް ކިޔައިދޭން ޖެހުނީ ކަމަށް ރާޖް ބުންޏެވެ.
ރާޖް ބުނި ގޮތުގައި އަންޖަލީގެ އިންޓަވިއު އަކީ އޭނާ އިނގިރޭސިވިލާތުގެ ނޫހަކަށް ބޮޑު އަގުގައި ވިއްކާލި އިންޓަވިއުއެއް ކަމަށާއި އަންޖަލީގެ ބޭންކް ސްޓޭޓްމަންޓްތަކުން އެކަން ހާމަވާ ކަމަށެވެ. އަދި އެ އިންޓަވިއު އަށް 11 އަހަރު ފަހުން ކުއްލިއަކަށް ޝިލްޕާގެ އުފަން ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި އެ އިންޓަވިއު ދައުރު ވާން ފެށީ އަންޖަލީ ގަސްތުގައި އޭނާ އާއި ޝިލްޕާގެ ކައިވެންޏަށް މައްސަލަތައް ކުރިމަތި ކުރަން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.
އަންޖަލީ އާއި އޭނާއަށް ލިބިފައިވާ ދަރިފުޅު ފާއިތުވީ 11 އަހަރު ތެރޭ އޭނާގެ ލޮލަށް ވެސް ދައްކާލާފައި ނުވާ ކަމަށް ރާޖް ބުންޏެވެ. އަދި އެ ކުއްޖާގެ ސިކުނޑިއަށް އަންޖަލީ ވިސްނައިދީފައިވަނީ ކޮންކޮން އެއްޗިއްސެއްކަން ނޭނގޭ ކަމަށާއި ދަރިފުޅާ ބައްދަލުކުރަން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވެސް ނާކާމިޔާބު ވެފައިވާ ކަމަށް ވެސް ރާޖް ބުންޏެވެ.