ބޮލީވުޑް

ފިރިމީހާ އާ ދުރުވާން ޝިލްޕާ ޝެޓީ ވިސްނަނީ!

ވިޔާނުދާ ފިލްމު އުފައްދާ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޖަލުގައި ބަންދުކޮށް އަދި މިހާރު ބެއިލް ބަހައްޓައިގެން ޖަލުން ދޫވެފައި ހުރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ އާ ވަކިވާން ޝިލްޕާ ގަސްތުކުރާ ކަމަށް އޭނާގެ ގާތް އެކުވެރިއަކު އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދީފި އެވެ.

ޝިލްޕާގެ އެކުވެރިޔާ ބުނެފައިވާ ގޮތުގައި އޭނާ ބޭނުން ވަނީ ރާޖްގެ ގޮތް ނޭނގޭ މުއްސަނދިކަމާ ދުރުގައި އެމީހުންގެ ދެ ދަރިން ގެންގުޅޭށެވެ.

"ރާޖް ކުންދްރާ މި ވަގުތަށް ޖަލުން ނުކުމެ ހުއްޓަސް އޭނާގެ މައްސަލަތަކަށް އެހާ އަވަހަށް ނިމޭނެހެނެއް ހިޔެއް ނުވޭ. މިހާރު ވެސް ހަފުތާ އަކަށް ވުރެ ހަފުތާއެއް އޭނާގެ މައްސަލަތައް ދަނީ އިތުރުވަމުން. ރާޖްގެ މައްޗަށް ކުރެވިފައިވާ ބޮޑެތި ތުހުމަތުތަކުން ޝިލްޕާ އާއި އޭނާގެ އެކުވެރިންނަށް ވެސް ބޮޑު ޝޮކެއް ލިބުނީ. އަލިމަހާއި އަގު ބޮޑު ގެދޮރު ރާޖް ހޯދަނީ މިކަހަލަ މަސައްކަތުން ކަމެއް ޝިލްޕާއަކަށް ކުރިއަކުން ނޭނގޭ،" އޭނާގެ އެކުވެރިއެއް ބުނި ކަމަށް އިންޑިއާ ނޫހެއްގައި ލިޔެފައި ވެއެވެ.

ޝިލްޕާގެ އެކުވެރިޔާ އިތުރަށް ބުނި ގޮތުގައި ރާޖްގެ ފައިސާގައި ދެން އިތުރަކަށް ޝިލްޕާ އެއް ނުޖެހޭނެ އެވެ. ރިއަލިޓީ ޝޯގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ޝިލްޕާއަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި އެ ފައިސާއިން ދެ ދަރިން ގޮވައިގެން ހަމަޖެހޭ ދިރިއުޅުމެއް ފަސޭހަ ކަމާއެކު ޝިލްޕާ އަށް އުޅެވޭނެ ކަމަށާއި އިތުރަށް ވެސް ފިލްމުތައް ހޯދުމުގެ މަސައްކަތް ޝިލްޕާ ކުރަމުންދާ ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.

"ޑައިރެކްޓަރު އަނުރާގު ބާސޫ އާއި ޕްރިޔަދަރްޝަން މިހާރު ވެސް ޝިލްޕާއަށް ފިލްމުތައް ދޭން ވައުދު ވެފައި ވަނީ. އެހެންވެ ރާޖް ޖަލުގައި ގިނަ ދުވަސް ތަކަކު ހުއްޓަސް ޝިލްޕާއަށް އޭނާ މިހާރު ވެސް އުޅޭ ފެންވަރުގައި ދެ ދަރިން ގޮވައިގެން އުޅޭކަށް ދައްޗެއް ނުވާނެ،" އެކުވެރިޔާ ބުނެފައި ވެއެވެ.