އުފެއްދުން މަނާ ބޭއަދަބީ މަންޒަރުތައް އެކުލެވޭ "ބޮޑެތިމީހުންގެ" ފިލްމުތައް އުފައްދާ ކަމުގެ ތުހުމަތުގައި ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ހައްޔަރު ކޮށްފި އެވެ. މުމްބައި ފުލުހުން ރާޖް ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނެފައި ވަނީ ޕޯނޯގްރެފިކް ފިލްމުތައް އުފައްދާ އެޕްތަކެއްގައި ޕަބްލިޝް ކުރުމުގެ މޭސްތިރިއަކީ ރާޖެވެ. އަދި އޭގެ ފުރިހަމަ ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މުމްބައި ފުލުހުން ބުނި ގޮތުގައި ރާޖް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާ ކޮށެވެ. ރާޖް ހައްޔަރު ކުރުމުގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށް ވަރަށް ގިނައިރު ވަންދެން އޭނާއާ ސުވާލުކޮށްފައި ވެއެވެ.
މި މައްސަލައިގައި ރާޖް ފިޔަވައި އިތުރު 10 މީހަކު ވެސް މިހާތަނަށް ވަނީ ހައްޔަ ރުކޮށްފަ އެވެ.
މުމްބައި ޕޮލިހުންގެ ދަ ޕްރޮޕަޓީ ސެލް އިން ވަރަށް ފަހުން ވަނީ މިފަދަ ފިލްމު އުފައްދާ އޭގެ ވިޔަފާރި ކުރަމުންދިޔަ ގޭންގެއްގެ ބަޔަކު ހައްޔަރުކޮށްފަ އެވެ. މި މީހުން މިކަން ކުރަނީ އޯޓީޓީ ޕްލެޓްފޯމްތަކަށް ކުރު ފިލްމު އުފައްދާ ނަމުގަ އެވެ.
މުމްބައި ކްރައިމް ބްރާންޗުން ބުނި ގޮތުގައި ފިލްމު ޝޫޓް ކުރުމަށް ފަހު ބޭރުގެ ބަޔަކަށް އޮންލައިންކޮށް ފިލްމު ފޮނުވާލުމުން އެކި އެޕްތަކުގައި އެ ފިލްމުތައް އަޕްލޯޑް ކުރަނީ އެމީހުންނެވެ. އެހެންވެ އިންޑިއާގެ ގާނޫނުތަކާ މި މީހުން ޚިލާފުވީ ކަމަކަށް ނުބެލެވޭނެ ކަމަށް މި މީހުން ތިބީ ހީކޮށްގެންނެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުރަތަމަ ހައްޔަރުކުރީ އުމޭޝް ކާމަތު ކިޔާ މީހެކެވެ. މީނާއަކީ ރާޖް ކުންދްރާގެ ކައިރީގައި ކުރިން މަސައްކަތް ކުރި މީހެކެވެ. މި މީހާ ދެއްކި ވާހަކަ ތަކުން މި ފިލްމުތައް އުފެއްދުމުގެ އެންމެ އިސް މޭސްތިރިއަކީ ރާޖްކަން ފުލުހުންނަށް ޔަގީންވި ނަމަވެސް އެކަށީގެންވާ ހެކި ހޯދާފައި ހައްޔަރު ކުރަން މަޑުކުރީ ކަމަށް ކްރައިމް ބްރާންޗުގެ އޮފިސަރަކު ވިދާޅުވި އެވެ.
މި ފިލްމު އުފައްދާ ގޭންގުން އެންމެ ކުރިން ކުރާ ކަމަކީ އޯޓީޓީ ޕްލެޓްފޯމްތަކަށް ތައްޔާރުކުރާ ފިލްމުތަކުގައި ބައިވެރިކުރަން ޒުވާން އެކްޓަރުންނަށް ދައުވަތު ދެނީ އެވެ. އަދި ފަހުން މި މީހުން ލައްވާ ވިޔާނުދާ ފިލްމުތައް ކުޅުވަން މަޖްބޫރު ކުރުވަނީ އެވެ.
މިއީ ރާޖް ކުންދްރާގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާގެ މައްޗަށް ތުހުމަތުތައް ކުރެވި ފުލުހުން އޭނާއާ ސުވާލުކޮށްފައި ވެއެވެ. އެންމެ ފުރަތަމަ ސުވާލުކުރީ ރަނުގެ ވިޔަފާރިކުރާ ކުންފުންޏަކުން މަކަރު ހަދައި އޮޅުވާލައިގެން ކުރި ވިޔަފާރިތަކެއްގެ މައްސަލައިގަ އެވެ. ޝިލްޕާ އާއި ރާޖަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އުޅެފައި ތިބި ބައެކެވެ. ދެ ވަނަ ފަހަރަށް ސުވާލުކުރީ މަނީ ލޯންޑްރިން މައްސަލައެއްގަ އެވެ.
ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގައެވެ. މި ކައިވެންޏަށް މިހާރު ދެ ދަރިން ވެސް ވަނީ ލިބިފަ އެވެ.