ބޮލީވުޑް

ފިރިމީހާގެ މިލްކިއްޔާތު ޝިލްޕާއަށް ހިބަކޮށްދީފި

އިންޑިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ މުޅި މިލްކިއްޔާތާއި އެމީހުން މުމްބައިގެ ޖޫހޫގައި ދިރިއުޅޭ ގަނޑުވަރެއް ކަހަލަ ގެ ޝިލްޕާ އަށް ހިބަކޮށްދީފި އެވެ.

ޝިލްޕާ އަށް އޭނާގެ ފިރިމީހާ ދިން ހަރު މުދަލުގެ އަގު 38 ކްރޯޑު ރުޕީސްއަށް އަރަ އެވެ. ބޭއަދަބީ ފިލްމު އުފައްދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްގެން ގިނަ ދުވަހުތަކަކު ޖަލުގައި ބެހެއްޓުމަށް ފަހު ރާޖް މިނިވަންވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

ރާޖްގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޝިލްޕާ ބުނެފައި ވެއެވެ. އަދި ރާޖް ޖަލުގައި ހުރި ދުވަސްތަކުގައި ޝިލްޕާ ވަނީ ރާޖްއަށް އިތުބާރުކުރާ ކަމަށާއި އޭނާގެ ކުށެއް ނެތްކަން ސާބިތުވެ މިނިވަން ވާނެ ކަމަށް ގަބޫލުކުރާ ކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފަ އެވެ.

ރާޖް އާއި ޝިލްޕާއަށް ދެ ދަރިން ލިބިފައި ވެއެވެ. ފިރިހެން ދަރިފުޅު ވިއާން އަށް ހަތް އަހަރު ފުރިފައިވާއިރު އަންހެން ދަރިފުޅަށް އަދި ވީ އެންމެ އަހަރެކެވެ.