ލައިފްސްޓައިލް

ހުވަފެނުން ހަރުފަ ފެނުމުގެ މާނައަކީ ކޮބާ؟

ގިނަ ބަޔަކު އެންމެ ބިރު ގަންނަ އެއް ސޫތްޕަކީ ހަރުފަ އެވެ. ހަރުފައިގެ ވާހަކަ ދައްކާއިރަށް ވެސް ބައެއް މީހުންގެ ގައިން ހީބިހި ނަގައިގެންދެ އެވެ. ވަރަށް ގިނަ މީހުންނަށް ހުވަފެނުގައި ހަރުފަ ފެންނަނީ އެ ދެކެ ގަންނަ ބިރުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޔަގީންވާ ކަމަކީ ބިރުވެރި ހުވަފެން ފެންނަ މީހުންނަށް އާންމުކޮށް ފެންނަ އެއްޗަކަށް ހަރުފަ ވެއެވެ.

އަހަރެމެންނަށް ފެންނަ ހުވަފެންތަކުގެ ހަގީގަތަކީ ކޮބައިތޯ ބަލަން ކޮންމެ މީހަކުވެސް ބޭނުން ވާނެ އެވެ. ހާއްސަކޮށް މާ ގިނައިން އެއް ކަހަލަ ހުވަފެނެއް ފެންނަ ނަމައެވެ. އަދި އެ ހުވަފެނަކީ ބިރުވެރި ހުވަފެނެއް ނަމަ އެކަމުން އެމީހަކަށް ނަފްސާނީ ގޮތުން ވެސް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވާނެ އެވެ.

ހަރުފަ ހުވަފެނުން ފެނުމަކީ ތި ހީކުރާ ކަހަލަ ބިރުވެރި ކަމެއް ދިމާވާން އުޅެއެކޭ ނޫނެވެ. ސިގްމަންޑް ފްރިއުޑްސްގެ ޑްރީމް އެނަލައިސިސް ބުނާ ގޮތުގައި ހަރުފައިގެ ހުވަފެނާއި އެމީހާގެ "ސެކްސް ޑްރައިވް" އާ ވެސް ގުޅުމެއް ވެއެވެ.

ހަޔާތުގައި އޭނާ ކުރިއަރަމުންދާ ކަމުގެ ނުވަތަ އޭނާއަށް ބޮޑު ބަދަލެއް އަންނަމުންދާ ކަން ވެސް ހަރުފަ ހުވަފެން ރަމްޒު ކޮށްދެ އެވެ. ހުރަސްތައް ގިރާ ކުރުމަށް ފަހު ކުރިއަރައިގެންދާކަން ވެސް މިއީ ހަރުފަ ހުވަފެނުގެ މާނައެކެވެ.

ހަރުފަ ހުވަފެނެއް ފެނުނީ ދާދިފަހުން ކަމަށް ވާނަމަ އޭގެ މާނައަކީ ތަންކޮޅެއް ބޮޑަށް ފަރުވާ ބަހައްޓާށޭ އެވެ. އެއްވެސް މީހަކަށް ދެ ލޯ މަރައިގެން ނުވަތަ "ކަނު" އިތުބާރު ނުކުރާށޭ އެވެ.

ހަރުފައެއް ތިމާއަށް ގެއްލުން ދެނިކޮށް ހުވަފެނުން ފެނިއްޖެނަމަ އޭގެ މާނަ އެނގޭ ހެއްޔެވެ؟ ހަގީގަތުގައި ހުވަފެނުން ފެންނަ ހަރުފަޔާއި ތިމާގެ ހަޔާތުގައިވާ އެހެން މީހުންނާ މާ ބޮޑު ގުޅުމެއް ނެތެވެ. ހަމައެކަނި ގުޅުން އޮންނާތީ ތިމާ އާއެވެ. މިގޮތަށް ހަރުފަ ތިމާއަށް ހަމަލަ ދޭތަން ފެނިއްޖެނަމަ އޭގެ މާނައަކީ ތިމާއަށް ކޮންމެވެސް ކަހަލަ ގެއްލުމެއް ލިބެން އުޅޭ ކަމުގެ އިންޒާރެކެވެ. ހާއްސަކޮށް ސިއްހަތަށް ކޮންމެ ވެސް ކަހަލަ މައްސަލައެއް ދިމާވާ ކަމުގެ އިންޒާރެކެވެ.

މާބަނޑު ދުވަސްވަރު ހަރުފަ ފެނުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ މިފަދަ ދުވަސްވަރެއްގައި ހަރުފަ ހުވަފެނުން ފެނުމަކީ ވަރަށް ބިރުވެރި ތަޖުރިބާއަކަށް ވާނެ އެވެ. ސަބަބަކީ މާބަނޑު މީހުންގެ ހޯމޯންތައް އިތުރުވެ އެންޒައިޓީގެ މައްސަލަތައް ވެސް އިތުރުވާނެތީ އެވެ. އަދި މިދުވަސްވަރު ވައްތަރު ވައްތަރުގެ ހުވަފެން ފެނުން ވެސް ވަރަށް އާއްމު ކަމަކަށް ވާތީ އެވެ. ހަރުފަ އައިސް އެމީހާއަށް ހަމަލަދޭން ތައްޔާރުވެފައި އިންނަތަން ފެނުނަސް މާބަނޑު މީހުން މާ ބޮޑަށް ފިކުރު ބޮޑުކުރާނެ ކަމެއް ނެތެވެ. ސަބަބަކީ މާބަނޑު މީހުންނަށް ފެންނަ ހަރުފަ ހުވަފެނުގެ މާނައަކީ އެމީހުންގެ ބަނޑުތެރޭގައި ތުއްތު ފުރާނައެއް ހެދިބޮޑުވަމުން އެބަ އާދެއޭ އެވެ.