އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި ދެބައިވުންތައް އުފެދި ދެ ފެކްޝަނެއް އުފެދިފައި ވެސް ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީ ދެބައިވީ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީ އެކަހެރި ކޮށްގެން ސަރުކާރުން ވެރިކަން ހިންގަން އުޅުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި އަބަދު ވެސް ހިޔާލުތަފާތުވާ މައްސަލަތައް ހުންނަ ކަމަށެވެ. އަދި އެއީ ހުއްޓުވޭނެ ކަމެއް ވެސް ނޫން ކަމަށާއި ހިޔާލު ތަފާތުވުންތައް ހުންނާނެ ކަން ގަބޫލު ވެސް ކުރަންޖެހޭ ކަމަަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އަބަދު ވެސް ހިޔާލު ތަފާތުވުން ހުރޭ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި. ނަމަވެސް އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންގެ ޕީޖީ ތެރޭގައި ދެ ފެކްޝަނެއް އޮތް ކަމަކަށް. އަޅުގަނޑަކަށް ހަމަގައިމުވެސް އެތަނެއް ނުފެނޭ،" އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ރައީސް ނަޝީދާއި އެމްޑީޕީ އެކަހެރި ކޮށްގެންތޯ ތަކުރާރުކޮށް އެހުމުން ވެސް އާޒިމް އެ ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެ ވާހަކަފުޅު ދެއްކެވީ ޕާޓީގެ ޗެއާޕާސަން ކަމަށްވާތީ އިދާރީ ގޮތުން އެކަމުގައި އެއްޗެއް ވިދާޅު ވާނީ ވެސް ޗެއާޕާސަން ކަމަށެވެ.
"ހިޔާލު ތަފާތުވުންތައް ހައްލު ކުރެވޭނީ ޕާޓީގެ ހުރިހާ ގުނަންތަކުން މަސައްކަތްތަކެއް ކޮށްގެން. އިދާރީ ގޮތުން ވެސް ވެސް ކަންތައްތަކެއް ކޮށްގެން،" އާޒިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕާލިމެންޓްރީ ގުރޫޕްގައި އެކި މެންބަރުން ޝައުގުވެރިވާ އެކި މައްސަލަތަކާއި ބިލްތައް ހުރުމުން އެއް މެންބަރަކު އަނެއް މެންބަރަކާ ގުޅުއްވާ، ލޮބީ ކުރައްވާ ހައްދަވާ ކަމަށެވެ. ނަމަވެސް އެއްވެސް މެންބަރަކު އަނެއް މެންބަރަކަށް ގުޅުއްވާ "ތުރެޓް" ކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ތެރޭގައި ދެބައިވުން އުފެދި ދެ ފެކްޝަނެއް ނެތް ކަމަށް އާޒިމް ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ގެންދަވަނީ ދެ ފެކްޝަނެއް ގޮތަށް އާންމުންނަށް ސިފަވާހާ ސާފުކޮށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މީޑިއާގައި ރައްދު ދެއްވަމުންނެވެ. އަދި މަޖިލީހުގެ ބައެއް ކޮމިޓީ ތަކުގައި ވެސް އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ މައްސަލަތަކުގައި ޕާޓީގެ ލީޑަޝިޕުން ބޭނުންވާ ގޮތާ ދެކޮޅަށް ވޯޓު ދެއްވަމުންނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންގެ ދިފާއުގައި ފާޅުގައި ވާހަކަ ދައްކަވަމުން ގެންދަވާއިރު އެގޮތަށް ވާހަކަ ދައްކަވާ ބޭފުޅުން އެކަން ކުރައްވަނީ ސަރުކާރުގެ ތެރެއިން މަންފާތަކެއް ލިބޭތީ ކަމަށް ވެސް އެހެން ބައެއް މަޖިލިސް މެންބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.