ނަޝީދަށް އަމާޒު ކުރި ހަމަލަ

މަޖިލީހުގެ އިންކުއަރީ އަށް ނަޝީދުގެ ބޮޑީގާޑުން ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ އަށް ހަމަލާ ދިން ވަގުތު ރައީސް ނަޝީދުގެ އަރިހުގައި ތިބި ބޮޑީގާޑުން ހާޒިރުކޮށްފި އެވެ.

އެ ހަމަލާގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުކުރަން ފެށީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ރައީސް ނަޝީދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރު ކުރީ އިއްޔެ އެކި ވަގުތު ތަކުގަ އެވެ. އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ ބޮޑީގާޑުންނާ ކުރެވުނު ސުވާލުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ބޮޑީގާޑުން ކޮމިޓީއަށް ހާޒިރުވުމުން މެންބަރުން ވަނީ އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު ބައެއް ބޭފުޅުންނާ އެކު ވަނީ އޮންލައިން ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ހަމަލާ ދިން ރޭ ރައީސް ނަޝީދުއާ އެކު އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ ތިން އޮފިސަރު ތިއްބެވި ކަމަށް މައުލޫމާތު ލިބެ އެވެ. ހަމަލާއާއި ގުޅިގެން ދެ އޮފިސަރަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައިވެ އެވެ.

ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ 29 ބޭފުޅަކާ ސުވާލުކުރަން އޭރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށް ކުދިކުދި ބަދަލު އަތުވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ "މޭ 6" ގެ ނަމުގައި ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.