ދުނިޔެ

ޓޯކިޔޯ އޮލިމްޕިކްސްއަށް އެހީތެރިވެދޭނަން: ބައިޑަން

އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ޖީ7 ސަމިޓްގެ ހަވާސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ޖަޕާންގެ ބޮޑު ވަޒީރު ޔޮޝިހިޑޭ ސުގާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ވައިޓް ހައުސްއިން ބުނީ ކޮވިޑްގެ ހާލަތުގައި ޓޯކިޔޯ އޮލިމްޕިކްސް ބާއްވަން ޖަޕާނުން ކުރާ މަސައްކަތްތަކަށް ސަޕޯޓް ކުރައްވާ ކަމަށް ބޮޑުވަޒީރަށް ރައީސް ބައިޑަން ދެންނެވި ކަމަށެވެ.

ޓޯކިޔޯ އޮލިމްޕިކްސްގެ އިވެންޓްތަކުގައި ބައިވެރިވާ ކުޅުންތެރިންނައި އެތުލީތުންނާއި އެހީތެރިން އަދި ކުޅިބަލާ ނުވަތަ ސަޕޯޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުނަށް ރައްކާތެރިކަން ކަށަވަރު ކުރުން މުހިންމު ކަމަށް ބައިޑަން ޔޮޝިހީޑޭ ސުގާއަށް ދެންނެވި ކަމަށް ވެސް ވައިޓް ހައުސްއިން ބުނެ އެވެ.

ޓޯކިޔޯ އޮލިމްޕިކްސް ގޭމްސް ކުރިން އޮތީ މިދިއަ އަހަރު ބާއްވާ ގޮތަށެވެ. އެހެން ނަމަވެސް މި އަހަރަށް ފަސްކުރީ ކޮވިޑާ ހެދި އެވެ. މިހާރު ހަމަޖައްސާފައިވާ ތާރީހަކީ ޖުލައި 23، 2021 އިން އޮގަސްޓް 8، 2021 އަށެވެ.

ކޮވިޑްގެ ހާލަތުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ބިޔަ ކުޅިވަރު މުބާރާތެއް ބޭއްވުމަކީ ގިނަ ބަޔަކު ގަބޫލު ނޫން ކަމެކެވެ. އެެހެން ނަމަވެސް ޖަޕާން އޮތީ މިކަމަށް ޗެލެންޖްކޮށް މުބާރާތް ބާއްވަން ތައްޔާރުވެފަ އެވެ.

ބައިޑަން ވިދާޅުވި ގޮތުން ޖަޕާނުން ބޭނުން ވެއްޖެ ކޮންމެ ކަމެއްގައި އެމެރިކާ އެހީތެރި ވެދޭނެ އެވެ. ކޮވިޑް ވެކްސިނާއި ފަރުވާއާ ގުޅުން ހުރި އާލާތްތައް ހޯދުމުގައި ވެސް އެހީތެރި ވެދޭނެ އެވެ.