ދުނިޔެ

ޓްރަމްޕަށް ޖީ7ގެ ނުރުހުން

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގުތިސޯދުތައް އޮންނަ ހަތް ގައުމު ބައިވެރިވާ "ގްރޫޕް އޮފް ސެވަން" ނުވަ ޖީ7ގެ ވެރިންްގެ ބައްދަލުވުން ކެނެޑާގެ ކިއުބެކްގަައި ފެށި އިރު އެމެރިކާ ފިޔަވައި އެހެން ގައުމުތައް ތިބީ އެއްކޮޅުގަ އެވެ. ޖީ7ގެ ވެރިންގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވެރިން ވެސް ބައިވެރިވާ އެ ބައްދަލުވުމުގެ އެހެން އެންމެހާ ބައިވެެރިންނާއި އެމެރިކާގެ ރައީސް ޑޮަނަލްޑް ޖޭ ޓްރަމްޕާ ދެމެދު ހިޔާލު ތަފާތުވުން އޮތީ މައިގަނޑު ދެ ކަމެއްގަ އެވެ.

ފުރަތަމަ ކަމަކީ އެމެރިކާއިން މިހާރު ތައާރަފް ކޮށްގެން އުޅޭޭ ބޮޑެތި ވިޔަފާރި ޓެރިފްތަކެވެ. އެ ޓެރިފްކީ ގައުމަކަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ނުވަތަ ޑިއުޓީ އެވެ. ޓްރޭޑް ޓެރިފްތަކުގެ މައްސަލައިގައި އެމެރިކާގެ ޒަމާންވީ ބައިވެރިންނާ އެ ގައުމާ ދެމެދު ހޫނު ޒުވާބުތައް އަންނަނީ ހިނގަމުންނެވެ.

ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުގެ އެ ގްރޫޕަށް ރަޝިޔާ އަލުން ގެންނަންޖެހޭ ކަމަށެވެ. އެ ގްރޫޕުން ރަޝިޔާ ބޭރުކޮށްލީ ކުރިން ޔުކްރެއިންގެ ބައެއްގެ ގޮތުގައި އޮތް ކްރައިމިއާއަކީ ރަޝިޔާގެ ބައެއް ކަމަށް ރަޝިޔާ އަމިއްލައަށް ކަނޑައެޅުމުންނެވެ.

ޓްރަމްޕަށް ރައްދު ދެއްވަމުން ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވީ އެކަން އެގޮތަށް ވެގެން ނުވާން އީޔޫގެ މެމްބަރު ގައުމުތަކުން އިއްތިފާގުވާ ކަމަށެވެ. މާކެލް މި މޭރުމުން ވާހަކަ ދެއްކެވި އިރު ބައްދަލުވުން އެ ގައުމެއްގައި ކުރިއަށްދާ ކެނެޑާއިން ވެސް ބުނީ އެމެރިކާގެ ޓްރޭޑް ޓެރިފްތައް ގާނޫނާ ހިލާފު ކަމަށެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވެސް ޓްރަމްޕަަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އޭނާ ވިދާޅުވީ ވިޔަފާރި އާއި މޫސުމަށް އަންނަ ބަދަލުތަކާއި އީރާނުގެ ނިއުކްލިއަ މައްސަލައިގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތު ތަކަކީ ހަގީގީ ނުރައްކަލެއް ކަމަށެވެ.

"އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ ގާނޫނުގެ މައްޗަށް ބިނާވެފައިވާ ބައިނަލް އަގުވާމީ ހަމައަށް ގޮންޖަހާގައިވާކަން. ހައިރާން ކުރުވަނިވި ގޮތަކަށް [އެގޮތަށް ކަންތައް ކޮށްފަައި ވަނީ] އާއްމުކޮށް ތުހުމަތު ކުރެވޭ ގައުމުތަކުުން ނޫން. އެކަމަކު އެ ހަމައިގެ މައިގަނޑު އާކިޓެކްޓް އަދި [ހަަމަ ހިފަހައްޓާނެކަމުގެ] ކަށަވަރުކަން ދޭ ގައުމު. ޔޫއެސް އިން،" ޓަސްކް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ކެނެޑާގެ ކިއުބެކްގެ ލަ މަލްބައީ ނަމަކަށް ކިޔާ ރަށުގައި މާދަމާގެ ޖޫން އަށަކުން ނުވަޔަކަށް ކުރިއަށްދާ ބައްދަލުވުމުގައި ބައިވެރި ވަނީ އެމެރިކާގެ އިތުރުން ކެނެޑާ، ޔޫކޭ، ފްރާންސް، އިޓަލީ ޖަޕާން އަދި ޖަރުމަނެވެ.