ޖަޕާން

ރަޝިއާގެ ތެޔޮ ދޫކޮށް ޖަޕާން ނިއުކްލިއާއަށް

ރަޝިއާގެ ހަކަތަ މުޅިން ދޫކޮށް މިނިވަންވުމަށް އޮތް އެންމެ ކުރު މަގަކީ ނިއުކްލިއާ ރިއެކްޓަރުތައް އިތުރުކޮށް ނިއުކްލިއާ ހަކަތައަށް ޖަޕާން ބަދަލުކޮށްލުން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ.

ޖަޕާންގެ ފުކުޝިމާއަށް 2011 ގައި އެރި ސުނާމީގެ ސަބަބުން، ފުކްޝިމާ ނިއުކްލިއާ ރިއެކްޓާރުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ވަނީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުން ޖެހިފަ އެވެ.

ރަޝިއާގެ ތެލަށް ޖަޕާނަށް މާބޮޑަށް ބަރޯސާކުރަން ޖެހުނު ސަބަބަކީ ވެސް ނިއުކްލިއާ ރިއެކްޓަރުތައް ހަލާކުވުމެވެ. އަދި ފުކްޝިމާ ސަރަހައްދަކީ މީހުން ގޮސް އުޅުމަށް ނުރައްކާތެރި ތަނަކަށް ވަނީ ވެފަ އެވެ.

ޖަޕާނަށް މިހާރު އޮތް ބިރަކީ އެމެރިކާ އާއި އިނގިރޭސިން ރުއްސަން ރަޝިއާގެ ހަކަތަ ހުއްޓާލަން ޖެހުމެވެ. އަދި ބަދަލުގައި ބޭނުންކުރަން އެކަށީގެންވާ ވަރަށް ހަކަތަ ލިބޭނެ ގޮތެއް ނެތުމެވެ.

ސަރުކާރުން އާންމު ރައްޔިތުންނަށް ހަކަތަ ލިއްބައިދޭނެ ފަސޭހަ ގޮތެއް އަވަސް މުއްދަތެއްގެ ތެރޭގައި ހޯދައި ނުދީފި ނަމަ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއަށް ވެސް ދަތިތައް ކުރިަމަތިވާނެ އެވެ.

ޖަޕަނީޒް ހައުސް އޮފް ކައުންސިލާސް އިލެކްޝަން ޖުލައި 25 އަށް ތާވަލުކޮށްފައި އޮތް އިރު ގައުމުގެ ހާލަތަށް ނޭދެވޭ ބަދަލެއް ސަރުކާރުން ގެނެސްފި ނަމަ ސަރުކާރަށް އޮތް ދާއީދަށް ލޮޅުންއަރާނެ އެވެ. މި ސަބަބަށްޓަކައި އުންމީދީ ވާހަކަތަކުން މިވަގުތަށް ހިފަހައްޓާލުމަކީ ބޮޑުވަޒީރަށް އޮތް އެންމެ ފަސޭހަ ގޮތެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެންމެ ރިއެކްޓަރެއް ހިންގާލެވުނު ނަމަވެސް އެތެރެކުރަން ޖެހޭ ތެލުގެ ނިސްބަތް ވަރަށް ބޮޑުތަން ދަށްކުރެވޭނެ އެވެ.

އޭނާ ވިދާޅުވީ ރައްކާތެރިކަން ކަށަވަރު ކުރެވުނުހާ އަވަހަކަށް ބައެއް ރިއެކްޓަރުތައް ހިންގަން ފަށާނެ ކަމަށާއި ނިއުކްލިއާ ލީކުވެދާނެ ކަމަށް އޮތް ބިރު މުޅިން ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.