ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އަޒުހަރުގައި ކިޔަވަން ބޭނުންވާ ދިވެހިންނަށް ސްކޮލާޝިޕްތަކެއް

މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އެ ސްކޯލާޝިޕް ތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30 ނިޔަލަށެވެ.

މުޅި އަކު 22 ފުރުސަތަށް ހުޅުވާލާފައިވާއިރު އޭގެތެރެއިން 10 ފުރުސަތު ހާއްސަ ކޮށްފައިވަނީ އިސްލާމިކް ޝަރީއާއާ ގުޅޭ ކޯސްތަކަށެވެ. އަދި 12 ފުރުސަތު ހުޅުވާލައިފައި ވަނީ އެހެނިހެން ދާއިރާ ތަކުން ކިޔަވަން ބޭނުން ދަރިވަރުންނަށެވެ.

ފުރަތަމަ ޑިގްރީގެ އެ ކޯހަށް ކުރިމަތިލާ މީހުން ޝަހާދާ ސާނަވިއްޔާ އިން ފާސް ވާން ޖެހެ އެވެ. އަދި ދިރާސާތުލް އިސްލާމިއްޔާ ކޯހަށް ހުށަހަޅާ ދަރިވަރުން ޝަހާދާ ސާނަވިއްޔާއިން 65 ޕަސަންޓަށް ވުރެ މަތިން ފާސްވާން ޖެހެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކޯސްތަކަށް ކުރިމަތި ލެވޭނީ މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 25 އަހަރު ނުވާ ދަރިވަރުންނަށެވެ. އަދި މިސްރު ސަރުކާރުގެ ސްކޮލާޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ ދަރިވަރުންނަށް އެ ކޯސްތަކަށް ކުރިމަތި ނުލެވޭނެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުން ކަނޑައަޅާނީ ޝަހާދަ ސާނަވިއްޔާ ސެޓްފިކެޓްއިން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށެވެ.

ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް އަޒްހަރު ޔުނިވަސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީ އެކަންޏެވެ. އަދި އެހެން ހަރަދުތައް ހަމަޖައްސަން ޖެހެނީ އެ ދަރިވަރު އަމިއްލަ އަށެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލާން ޖެހޭނީ އެކަމަށް ހާއްސަ ޕޯޓަލް އިންނެވެ.