އިންޑިއާއަށް ބަރޯސާ ވެގެން ދިވެހިރާއްޖެ އަށް ތަރައްގީ ނާންނާނެ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅު ވެއްޖެ އެވެ.
އިލްމީ ކަންކަމުގައި އަބަދުވެސް ބަސް ވިދާޅުވާ އުގައިލް ވިދާޅުވީ އިންޑިއާ އަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށާއި ކަންކަމުގައި އިންޑިއާއަށް މާ ބޮޑަށް ބަރޯސާވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތިއަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.
އުގައިލް ވިދާޅުވީ ކަންކަމުގައި އިންޑިއާ އަށް ބަރޯސާ ވާން ވެއްޖެ ނަމަ މި ގަރުނު ނިމޭ އިރުވެސް ރާއްޖެއަށް ތަރައްގީ އަންނާނީ ފިނިހަކަ ސްޕީޑުގައި ކަމަށެވެ.
"އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟" ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.
މީގެ އިތުރުން އުގައިލް ވިދާޅުވީ އޭނާގެ އެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށައި އެއީ އިލްމީ ވާހަކައެއް ކަމަށެވެ. އުގައިލް އެހެން ވިދާޅުވެފައި ވާއިރު އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް އިންޑިއާ ސަރުކާރުން ހުށައަޅާފަައިވާ ހުށައެޅުމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.