ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތު އިސްކުރައްވާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ވިދާޅުވެެ ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފު ކުރައްވައިފި އެވެ.
ރައީސް ސޯލިހާއި މެންބަރު ވިސާމް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލްވުމަށް ފަހު ވިސާމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތު އިސްކުރައްވާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.
މިއަދުގެ ބައްދަލުވުމާއި ގުޅޭގޮތުން ވިސާމް ވިދާޅުވީ ގައުމު ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތް ކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށް އެމަނިކުފާނު ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދުމަށްމުހައްމަދު ވިސާމް | ގަމު ދާއިރާގެ މެންބަރު
ކޮވިޑް-19 ގެ ކޭހެއް ރާއްޖެއިން ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ހަފްތާގައެވެ. މާލެ އިން ފުރަތަމަ ކޭހެއް ފެނުނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.
އެ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެކަމާއި ގުޅިގެން އިގްތިސާދީ އެތައް މައްސަލަތަކެއް ކުރިމަތިވީނަމަވެސް ސަރުކާރުން ދަނީ ފަށާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ރާއްވާ ހަމަޖައްސަމުންނެވެ.