ކޮރަޕްޝަންގެ އަމަލުތަކަށް މި ސަރުކާރުން ބަރާބަރަށް ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ވިދާޅުވެ ސަރުކާރަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީގައި ބައިބައިވުން އޮތް އިރު ރޮޒައިނާއަކީ ރައީސް ސޯލިހަށް ވަފާތެރި މެންބަރެކެވެ. ސަރުކާރުން ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅު ނާޅާ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުންވެސް ވަނީ ވިދާޅުވެފައެވެ. ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ އެ މޭރުމުން ވާހަކަދައްކަވާފައެވެ.
ހަސަން ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވީ ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވީމަ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި އެ ނޫންވެސް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން "ފޫކަހަން" ފެށީމަ ކަމަށެވެ.
ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޖުމްލަކޮށް ކުރެވިފައިވާ މަަސައްކަތްތަކަށް ބަަލާއިރު ރަނގަޅު ކަމަށެވެ. ކޮވިޑްގެ މި ހާލަތުގައިވެސް ޕްރޮޖެކްޓްތައް ހިނގާ ކަމަށާ ވަޒީފާއިން ބަަޔަކު ކަނޑާވެސް ނުލާ ކަމަށެވެ.
"ކޮރަޕްޝަންގެ އަމަލުތަކަށް ބަރާބަރަށް ފިޔަވަޅު އަޅުއްވާ. ކޮން ކަމެއް ނުވެެގެންތޯ ބަޔަކު މި ތެޅި ފޮޅެނީ،" ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ދިފާއު ކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ގޯސްވެ މަޖިލީސް މެންބަރުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
ބައެއް މެންބަރުން މިދިޔަ ދެތިން ދުވަހު ރައީސް ސޯލިހް ދިފާއު ކުރައްވާ ވަރަށް ގިނައިން ދަނީ ޓްވީޓް ކުރަމުންނެވެ. ބައެއް މެންބަރުން ރައީސް ނަޝީދުގެ ދިފާއުގައިވެސް ތަކުރާރުކޮށް ދަނީ ޓްވީޓް ކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި އެ ނޫންވެސް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހާ ކަމަށް ޕާޓީގެ ޗެއާޕާސަން ވިދާޅުވަނީ ރަނގަޅަށް ކަމަށް ރައީސް ނަޝީޫދ ވިދާޅުވިއެވެ. އަދި ސަރުކާރުން ބޭނުންވީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި މަރުތަކުގެ މައްސަލަތައް އަނބުރާލަން ކަމަށާ އެކަން ކުރަން އެމްޑީޕީގެ ގިނަ މެންބަރުން ބޭނުން ނުވާ ކަމަށެވެ.
"އެހެންވީމަ ޕާލިމަންޓްރީ ގުރޫޕްގެ ސެކްރެޓަރީ ޖެނެރަލް އެ މަގަށް ލޮބީ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި،" ފޮރުވިގެން ހުންނަވާ ކުރައްވާ ޓްވީޓްތަކަށް ހާއްސަ "އެލެކްސް އަހުމަދު" ގެ އެކައުންޓުން ކުރެއްވި ޓްވީޓްތަކެއްގައި ނަޝީދު ވިދާޅުވިއެވެ.