ލައިފްސްޓައިލް

ވަޅުގަނޑެއް އުފެދި ކާރެއް ގެއްލޭ މަންޒަރުން ހައިރާންކޮށްފި

އިންޑިއާގެ މުމްބާއީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ބޮޑެތި ގަސްތައް މުލުން ލުހި ވެއްޓިފައި ވެއެވެ. ވަރަށް ހަލަބޮލިކޮށް އަބަދުވެސް އޮންނަ މި ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާރު އޮތީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ.

މިހާރު ވައިރަލްވެގެން އުޅޭ އެއް ވީޑިއޯއަކީ މުމްބައިއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެފައިވާ މަގެއްގެ އެއް ފަރާތުގައި އޮތް ކާރެއް ކުއްލިއަކަށް އެތަނުގައި އުފެދޭ ވަޅުގަނޑެއްގެ ތެރެއަށް ގަނބައިގެން ގޮސް ގެއްލޭ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.

މިއީ ގަޓްކޯޕާރް ކިޔާ ސަރަހައްދެއްގައި ހިނގި ހާދިސާ އެކެވެ. ކާރު މަޑުމަޑުން ސިންކްހޯލް ތެރެއަށް ގަނބައިގެން ގޮސް ލޯމަތިން ގެއްލޭ ތަން މި ވީޑީއޯގައި ވަރަށް ރީތިކޮށް ފެނެ އެވެ.

ކާރު ގަނބައިގަނެގެން އަޑިއަށް ގޮސް ގެއްލޭ މަންޒަރު

އެ ކާރުގެ ކައިރީގައި ޕާކު ކޮށްފައިވާ އެހެން އެއްވެސް ވެހިކަލަކަށް މިކަމުން އެއްވެސް އަސަރެއް ނުކޮށް ހަމައެކަނި މި ކާރު ގަނބައިގެން ގޮސް ގެއްލުން ވެސް ގިނަ ބަޔަކަށް ވީ ވަރަށް އަޖައިބު ކުރުވަނިވި ކަމަށެވެ.

މި ވީޑިއޯ ބެލި ގިނަ ބަޔަކު ބުނަނީ މިއީ ބިރުވެރި މަންޒަރެއް ކަމަށެވެ. ކުއްލިއަކަށް ބިންމަތީގައި ބޮޑު ވަޅުގަނޑެއް އުފެދި އެ ވަޅުގަނޑު ތެރެއަށް އެތާގައި ހުރި އެއްޗެތި ދަމައިގަތުމަކީ ހަމަ ގައިމުވެސް އާދައިގެ ކަމެއްނޫންކަމަށް ވީޑިއޯއަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.