އިންޑިޔާގެ ޓެމިލް ނާޑޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކާއި ގެތަކުގައި އަދިވެސް ވަނީ ފެންބޮޑުވެފަ އެވެ. މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޗެންނައި އޭރިއާ އަށެވެ. މުޅި އެ ރަށް ފެނު އަޑީގައި އޮތް އިރު ގިނަ ބައެއްގެ ފުރާނަ އަށް ވަނީ ނުރައްކާވެފަ އެވެ. މިފަދަ ވަގުތެއްގައި އަންހެން ޕޮލިސް އިނިސްޕެކްޓަރަކު ދެއްކި ހިތްވަރާއި ނަމޫނާ ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ހޭނެތިފައިވާ ފިރިހެނަކު ކޮނޑަށް ލައިގެން، ރާޖޭޝްވަރީ ނަމަކަށް ކިޔާ މި ފުލުސް އަންހެންމީހާ ދާ މަންޒަރު ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައި ވެއެވެ.
އިންޑިއާގެ ނިއުސް އެޖެންސީ އޭއެންއައިއިން ބުނެފައިވާ ގޮތުގައި ރާޖޭޝްވަރީ އަކީ ފެންބޮޑުވެފައިވާ އެ ސަރަހައްދު ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރި މީހާ އެވެ. ވައިގަދަކަމުން ވެއްޓިފައިވާ ގަހެއްގެ ގޮފިތައް ދުރުކުރުމުގައި ރާޖޭޝްވަރީ ފައިކުރިއޮޅާލައިގެން ހިތްވަރާއެކު މަސައްކަތް ކުރަމުން ދިޔަ ތަން މި ވީޑީއޯގައި ފެނެ އެވެ. އަދި މިގޮތަށް ގޮފިތައް ދުރުކުރުމުގެ ތެރޭގައި ގަހެއްގެ ދަށުގެ ހޭނެތިފައި އޮތް މީހަކު އެމީހުންނަށް ފެނުނެވެ.
ބަލާކަށް ނުހުރެ އެމީހާ ނަގާ ކޮނޑުމައްޗަށް ލައިގެން ވެހިކަލެއް ހޯދަން އަންހެން ފުލުސް ކުރި މަސައްކަތް ވެސް މި ވީޑިއޯގައި ފެނެ އެވެ. އެތަނުގައި ބޮޑެތި ޖާނުން ވަރުގަދަ ފިރިހެނުން ތިބި ނަމަވެސް އެމީހާ އޮޓޯއަކަށް އެރުވެންދެން އޮތީ އަންހެން ފުލުސް މީހާގެ ކޮނޑުމަތީގަ އެވެ.
އޮޓޯގައި އެމީހާ ހޮސްޕިޓަލަށް ފޮނުވާލުމަށްފަހު އަރުވާޖަހާފައި އަނެއްކާވެސް އަންހެން ފުލުސް އޭނާގެ މަސައްކަތަށް އެނބުރުނުތަން މި ވީޑިއޯގައި ފެނެ އެވެ.
އިންޑިޔާގެ ނޫހަކަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ރާޖޭޝްވަރީ ބުނީ ކޮނޑުގައި އެމީހާ އުފުލުމުގެ ކުރިން އޭނާއަށް ފަސްޓް އެއިޑް ވެސް ދިން ކަމަށެވެ.
"އަހަރެން އޮޓޯގައި އެމީހާ ހޮސްޕިޓަލަށް ފޮނުވާފައި ފަހުން އޭނާގެ ހާލު ބަލަން ހޮސްޕިޓަލަށް ވެސް ދިޔައިން. އޭރު އެ ފިރިހެންމީހާގެ މަންމަ ހޮސްޕިޓަލުގައި ހުރި. އަހަރެން އެމީހާއަށް ވެސް ވަރަށް ހިތްވަރުދީ ޕޮލިސް ޑިޕާޓްމަންޓުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނިން. ފަރުވާ ދޭން ފެށިފަހުން ފިރިހެންމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނި،" އިނިސްޕެކްޓަރު ރާޖޭޝްވަރީ ބުންޏެވެ.
ރާޖޭޝްވަރީގެ ހިތްވަރުގަދަ ކަން މި ވިޑިއޯއިން ބަލާފައި އިންޓަނެޓުގައި ގިނަބަޔަކު އޭނާއަށް ތައުރީފުކޮށް ވަރަށް ގިނަ ކޮމެންޓްތައް ކޮށްފައި ވެއެވެ. އަންހެނަކަށް ވެ ހުރެ އޭނާ އެ ދެއްކީ މިސާލެއް ނެތް ފަދަ ހިތްވަރެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރާޖޭޝްވަރީ އަކީ ޗެންނައިގެ ޓީޕީ ޗެތުރަމް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް އިނިސްޕެކްޓަރެކެވެ. ޗެންނައިގައި ފެންބޮޑުވުމުން މީހުންނަށް އެހީތެރިވުމަށް އޭނާ ކުރަމުންދިޔަ މަސައްކަތުގެ އިތުރުން ހާލުގައި ޖެހުނު އެތައް ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށް އެމީހުންގެ ކެއިން ބުއިމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިދީފައިވަނީ ރާޖޭޝްވަރީ އާއި އޭނާގެ ޓީމުންނެވެ.