އިންޑިއާ

ވިއްސާރައިގެ ސަބަބުން ނިއުދިއްލީއަށް ބޮޑެތި ގެއްލުންތަކެއް

ވިއްސާރައިގެ ސަބަބުން އިންޑިއާގެ ނިއުދިއްލީއަށް ބޮޑެތި ލިބިއްޖެ އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ސްކޫލްތައް ހޯމަ ދުވަހު ބަންދުކޮށްފައިވަނީ އެގައުމުގެ އުތުރުގައި ބިންގަނޑު ކަނޑައިގެން ގޮސް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ 15 މީހަކު މަރުވުމުގެ ސަބަބުންނެވެ.

ހަފްތާ ބަންދުގައި ބޯކޮށް ވާރޭވެހި ނިއުދިއްލީގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވެ ބޮޑެތި ފެންގަނޑު ހެދި އެތައް ރައްޔިތުންނެއް ވަނީ ފެންގަނޑުގައި ތާށިވެފަ އެވެ. އުތުރުގެ ފަރުބަދަމަތީ ހިސާބުތަކަށް އެންމެ ބޮޑަށް އަސަރުކޮށްފައިވާއިރު، ހިމާޗަލް ޕްރަދޭޝް އަދި އުއްތަރަކަންދްގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 10 މީހަކު މަރުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިއުދިއްލީގައި އެކަކު މަރުވެފައިވާއިރު ކަޝްމީރުގައި އިންޑިއާ ކޮންޓްރޯލް ފަޅީގައިވެސް މޫސުމާ ގުޅިގެން ހަތަރު މީހަކު މަރުވެފައިވެ އެވެ.

ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިމާލިޔާގެ ފަރުބަދަމަތީ ސަރަހައްދު ކަމަށްވާ އުއްތަރަކަންދުގެ މުހިއްމު ހައިވޭތަކުގައި ޓްރެފިކަށްވެސް ވަރަށް ބޮޑަށް ބުރޫއަރާފައިވެ އެވެ. ކޮންމެހެން ބޭނުން ނުވާހާ ހިނދަކު ގެއިން ބޭރަށް ނުނިކުތުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އާންމުންނަށް އަންގާފައި އެވެ.

ނިއު ދިއްލީގައި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާތީ ހެލިކޮޕްޓަރު ބޭނުންކޮށްގެން މީހުން ސަލާމަތް ކުރަމުގެ މަސައްކަތް ކުރަމުންދާއިރު އަވަށްޓެރި ހިމާޗަލް ޕްރަދޭޝްގައި ބްރިޖްތަކާއި ވަރަށް ގިނަ ގެތައް ވަނީ ފެންބޮޑުވުމުގެ ސަބަބުން ފެންގަނޑާއި އެކު ބިމުން ލުހެލާފަ އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ އުތުރަށް އިތުރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފަ އެވެ. އެގޮތުން މޫސުމީ މި ވިއްސާރައިގައި އާންމު ގޮތެއްގައި ވާރޭވެހޭ ވަރަށް ވުރެ ގާތްގަނޑަކަށް ދެ އިންސައްތަ އިތުރަށް ވާރޭ ވެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.