ދުނިޔެ

އަމްފާން ތޫފާނުގައި 14 މީހުން މަރުވެ ބޮޑެތި ގެއްލުން

May 21, 2020

"އަމްފާން" ގެ ނަމުން ނަން ދީފައިވާ ބާރުގަދަ ތޫފާން، އިއްޔެ އިންޑިއާ އާއި ބަންގްލަދޭޝް ގުޅޭ ބޯޑަރު ސަރަހައްދަށް އަރާފައިވާއިރު، އޭގެ ސަބަބުން މިހާތަނަށް 15 މީހަކު މަރުވެ، ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ދެ ގައުމުން ވެސް ބުނެފި އެވެ.

ބަންގްލަދޭޝް އަދި އިންޑިއާގެ ކަލްކަޓާ ފަދަ ސިޓީތަކުގައި 185 ކިލޯމީޓަރުގެ ބާރު ވަޔާއެކު އެރި ތޫފާނުގެ ސަބަބުން ގަސްތަކާއި ބައެއް ގެތައް ވެސް ވަނީ ވެއްޓިފަ އެވެ.

އަދި 2007 ގައި 3،500 އަށް ވުރެ ގިނަ މީހުން މަރުވި ތޫފާނަށް ފަހު އަމްފާން އަކީ ބަންގްލަދޭޝަށް އެރި އެންމެ ވަރުގަދަ ތޫފާން ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ތޫފާނު އެރުމުގެ ކުރިން، ދެ މިލިއަނެއްހާ މީހުން ސަލާމަތީ ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް، އެ މީހުނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދޭން ސަރުކާރަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ސަބަބަކީ އެފަދަ ކާރިސާތަކުގައި އާއްމުކޮށް ބޭނުންކުރާ ސެންޓަރުތަކުގައި މިހާރު ދަނީ ކޮވިޑް-19 އިގެ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުންނެވެ.

އެ ތޫފާނު މިއަދު ބަންގްލަދޭޝްގެ ތެރެއަށް ވަނުމަށް ފަހު، ބޫޓާނާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި އިތުރު 300 މިލިމީޓަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކޮށްފައި ވާއިރު، ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވާނެ ކަމުގެ ބިރުވެސް ވަނީ ހީވެފަ އެވެ.

ތޫފާނާ ގުޅިގެން، ބަންގްލަދޭހުން މިހާތަނަށް ހަތަރު މަރު ރިޕޯޓު ކޮށްފައިވާއިރު، އިންޑިއާގައި 10 މީހުން މަރުވެފައި ވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.