ދުނިޔެ

ތޫފާނާ ގުޅިގެން އެތައް މިލިއަން މީހުން ގެދޮރު ދޫކޮށް ދަނީ

May 20, 2020

"އަމްފާން" ގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާނާ ގުޅިގެން އިންޑިއާ އާއި ބަންގްލަދޭޝްގެ އައްސޭރި ފަށުގައި ދިރިއުޅޭ އެތަކެއް މިލިއަން މީހުން ގެދޮރުން ނެރެ، އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ތޫފާނު މިއަދުގެ ވަގުތެއްގައި އެ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދަށް އަރާނެ ކަމަށް ބެލެވޭއިރު، މިއީ ފަހުގެ ތާރީހެއްގައި އެންމެ ބާރުގަދަ ތޫފާނަށް ވާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މީހުން ބަދަލު ކުރުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާއިރު، އިންޑިއާ އިން ވަނީ ވިއްސަށް ވުރެ ގިނަ ރިލީފް ޓީމުތައް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ކެޓެގަރީ ފަހެއްގެ ދަރަޖަ ދީފައިވާ އެ ތޫފާނުގައި ގަޑިއަކު 185 ކިލޯމީޓަރުގެ ބާރު މިނުގައި ވައިގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

އަދި 2007 ގައި 3،500 އަށް ވުރެ ގިނަ މީހުން މަރުވި ތޫފާނަށް ފަހު އަމްފާން އަކީ ބަންގްލަދޭޝަށް އަރާ އެންމެ ވަރުގަދަ ތޫފާން ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ތޫފާނު އެރުމުގެ ކުރިން، ދެ މިލިއަނެއްހާ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ނަމަވެސް، އެ މީހުނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭން ސަރުކާރަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ސަބަބަކީ އެފަދަ ކާރިސާތަކުގައި އާއްމުކޮށް ބޭނުންކުރާ ސެންޓަރުތައް މިހާރު ވެސް ދަނީ ކޮވިޑް-19 އިގެ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުންނެވެ.