ދުނިޔެ

މުމްބާއީގައި ބިންގަނޑު ކަނޑައިގެން ގޮސް 25 މަރު

އިންޑިއާގެ މުމްބާއީގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދު 25 އަށް އަރައިފި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މޫސުމީ ވިއްސާރައިގެން ފެންގަނޑު ބޮޑުވެ ފަސްގަނޑު ދަމައިގަތުމުގެ ސަބަބުން މީހުންގެ ބޮލަށް ފާރުތައް ވެއްޓި ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

މުމްބާއީއަށް މިހާރު ކުރަމުންދާ ވިއްސާރައާ ބެހޭ ގޮތުން މޫސުން ލަފާކުރާ އޮފިޝަލުން ވިދާޅުވަނީ އަހަރުގެ މި ދުވަސްވަރު އާންމުކޮށް ވިއްސާރަކުރާ ކަމަށެވެ. މޫސުން ބަދަލުވަމުން ދާއިރު ކޮންމެ އަހަރަކު ވެސް އެކިވަރުގެ ގެއްލުން ލިބުނު ނަމަވެސް މިފަހަރު ގެއްލުން ބޮޑު ކަމަށެވެ.

އިންޑިއާ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ އެވެ. ބައެއް ފަހަރު ވަރަށް ގޯސްވުން ވެސް އެކަށީގެންވެ އެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ ވިއްސާރަ ކުރުމަކީ މުސުމީ ބަދަލެއް ނަމަވެސް ފުރާނައެއް ގެއްލުމަކީ ބޮޑު ހިތާމައެއް ކަމަށެވެ. އަދި ވިދާޅުވީ އަނިޔާ ލިބުނު މީހުންނަށާއި މި ހާދިސާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް މާލީ އެހީތެރިކަށް ފޯރު ކޮށްދެއްވާނެ ކަމަށެވެ.

އެމެޖެންސީ މަސައްކަތްތަކުގައި އުޅޭ އޮފިޝަލުން ބުނާ ގޮތުން މުމްބާއީގެ އެކި ސަރަހައްދުތަކުގައި ބޯކޮށް ފެންހެދި ހިނގާބިނގާ ވުމަށް ވެސް ވަނީ ދަތިވެފަ އެވެ. ފަސްގަނޑު މަޑު ބައެއް ހިސާބުތަކުގައި ދަތުރުފަތުރު މުޅިން ހުއްޓިފައި އޮތް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.