ދުނިޔެ

ކެރެލާ ފެންބޮޑުވުމުގައި ތާށިވި 22،000 މީހުން ސަލާމަތްކޮށްފި

Aug 20, 2018

ކެރެލާ (އޯގަސްޓް 19) - އިންޑިއާގެ ކެރެލާ ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެކި ސަރަހައްދުގައި ތާށިވެފައިތިބި 22،000 އެއްހާ މީހުން ސަލާމަތް ކުރެވިފައިވާކަމަށް އެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފި އެވެ.

އެ ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 350 އަށް އަރާފައިވާއިރު، އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިތިބި އެތަކެއް ހާސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ސިފައިންނަށް އެ ސަރަހައްދުގެ މަސްވެރިންވެސް ވަނީ އެހީތެރިވެދީފަ އެވެ.

ހެލިކޮޕްޓަރުތަކާއި ކަނޑުގައި ދުއްވާ އެތަކެއް ސަތޭކަ އުޅަނދުފަހަރު ބޭނުންކޮށްގެން، ހާލުގައިޖެހިފައިވާ މީހުންނަށް ބޭނުންވާ ބޯފެނާއި، ކާނާ އަދި ބޭސް ފޯރުކޮށްދިނިމުގެ މަސައްކަތް ވެސް ދަނީ ކުރަމުން އެވެ.

މިހާތަނަށް 725،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ 5،000 އަށް ވުރެ ގިނަ ކޭމްޕުތަކުން ހިމާޔަތް ހޯދާފައިވާކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އެ ކޭމްޕުތަކުގައި ބަލި މަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވާއިރު، މިހާދިސާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ފަސް ބިލިއަން އިންޑިއަން ރުޕީސް ހަމަޖައްސަވާފައިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވައުދުވެވަޑައިގެންފަ އެވެ.