ދުނިޔެ

ކެރެލާގެ ފެންބޮޑުވުމުގައި އެތަކެއް ހާސް މީހުން ތާށިވެފައި

Aug 19, 2018

ކެރެލާ (އޯގަސްޓް 18) - އިންޑިއާގެ ކެރެލާ ސްޓޭޓުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 324 އަށް އަރާފައިވާއިރު، އެ ސަރަހައްދުތަކުގައި ތާށިވެފައިތިބި އެތަކެއް ހާސް މީހުން ސަލާމަތް ކުރުމަށް އިތުރު ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ ދެކުނުން އޮންނަ ކެރެލާގައި 33 މިލިއަން މީހުން ދިރިއުޅޭއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހެމުން ދާތީ، އެ ސްޓޭޓުގެ ގިނަ ސަރަހައްދުތަކުގައި ވަނީ އެލާޓު ނެރެފަ އެވެ.

މިހާތަނަށް 300،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ ކޭމްޕުތަކުން ހިމާޔަތް ހޯދާފައިވާކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި އަދިވެސް އެތަކެއް ހާސް މީހުން އުސް އިމާރާތްތަކާއި ގޭގޭގެ ފުރާޅުތަކުގެ މަތީގައި ތާށިވެފައިތިބި ކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ. ސިފައިން މިހާރު ވެސް ދަނީ އެތަކެއް ސަތޭކަ ބޯޓާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދަށްވެފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިހާރު އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިއީ ވޭތުވެދިޔަ 100 އަހަރު ތެރޭ ވެސް ކެރަލާ އަށް ކުރާ އެންމެ ވަރުގަދަ ވިއްސާރަ އެވެ.