ލައިފްސްޓައިލް

65،000 މީހުން، ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްދީފި

އިންޓަނެޓުގައި އުޅޭ ނުވެސް ދަންނަ އެތައް ބަޔަކު އެކުވެގެން ކުރި މަސައްކަތުން ތިން އަހަރުގެ ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތް ވެއްޖެ އެވެ. އިންޑިޔާގެ ހައިދަރުއާބާދުގައި ދިރިއުޅޭ މި ކުޑަ ކުއްޖާއަށް ޖެހިފައި ވަނީ ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ބައްޔެކެވެ. އަދި މި ބައްޔަށް ދޭން ޖެހެނީ އެހާމެ އަގުބޮޑު ބޭހެކެވެ. މި ބޭހާ ނުލާ މި ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް އޭނާގެ މައިންބަފައިންނަކަށް ނެތެވެ.

މި ކުއްޖާގެ ހުރި ޖެނެޓިކް ޑިސްއޯޑާގެ ފަރުވާއަށް ދޭން ޖެހުނީ 16 ކްރޯޑު އިންޑިއާ ރުޕީސްގެ އަގުހުރި އިންޖެކްޝަނެކެވެ. އެއީ ގާތްގަނޑަކަށް 2.18 މިލިއަން ޑޮލަރެވެ. ޒޮންގެންސްމާ ނަމަކަށް ކިޔާ މި އިންޖެކްޝަނަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ބޭސް ވެސް މެއެވެ. މި އަގަކީ މި އިންޖެކްޝަންގެ އެންމެ ޑޯޒެއްގެ އަގެވެ. އަދި މި ބައްޔަށް ޖަހަން ޖެހެނީ ވެސް އެންމެ ޑޯޒެކެވެ. މިއީ ޑަޒައިނާ ޖީންސްގެ ފަރުވާ އެކެވެ.

މިހާ އަގު ބޮޑު އިންޖެކްޝަނެއް ހޯދުމަކީ އާދައިގެ އާއިލާއަކަށް މުޅި އުމުރު މަސައްކަތް ކުރިޔަސް ހޯދޭނެ ވަރެއް ނޫނެވެ. އެހެންވެ އޭނާގެ މައިންބަފައިން ކަމަށްވާ ރޫޕަލް އާއި ޔޯގޭޝް ސޯޝަލް މީޑިއާގައި މިކަމަށް އެދި އިލްތިމާސް ކުރި އެވެ. މި އިލްތިމާސަށް ޖަވާބުދީ އެމީހުންނަށް އެހީތެރިވެދީފައި ވަނީ އެމީހުން ދުވަހަކުވެސް ނުދަންނަ 62،450 މީހެކެވެ. ސޯޝަލް މީޑީއާގައި ހުޅުވި ފަންޑް ފޮއްޓަށް މިމީހުން 14.84 ކްރޯޑު ރުޕީސް ހަދިޔާ ކޮށްފައި ވެއެވެ. އަދި މިދިޔަ ބުދަ ދުވަހު ހައިދަރުއާބާދުގެ ރެއިންބޯ ހޮސްޕިޓަލުގައި ކުޑަ ކުޑަ އަޔާންޝްގެ ގަޔަށް މި އިންޖެކްޝަން މިހާރު ވަނީ ޖަހާފަ އެވެ.

ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ކިޔާ ޖެނެޓިކް ޑިސްއޯޑާއެއް އަޔާންޝް އަށް ކުރިމަތިވެފައިވާކަން އޭނާގެ މައިންބަފައިންނަށް އެނގުނުތާ ދެ އަހަރު ވެއްޖެ އެވެ. އޭރުއްސުރެ އެމީހުން ދިޔައީ ދަރިފުޅަށް ފަރުވާ ކުރެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަމުންނެވެ.

އިމްޕެކްޓްގުރޫ ކިޔާ ކްރައުޑް ފަންޑިން ޕްލެޓްފޯމެއްގައި ފައިސާ ހޯދަން މި ދެމަފިރިން ކުރި މަސައްކަތުން އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައި މިހާ ފައިސާ ހަދިޔާގެ ގޮތުގައި ލިބުމުން އެމީހުން ތިބީ އުފަލުން ފޮޅިފަ އެވެ. އަދި އެމީހުންގެ ދަރިފުޅަށް އެހީތެރިވީ ނުދަންނަ އެތައް ހާސް ބަޔަކަށާއި ފަރުވާ ކޮށްދިން ޑޮކްޓަރުންނަށް އެމީހުން ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ.

އަޔާންޝްގެ ބައްޕަ ބުނި ގޮތުގައި ދަރިފުޅުގެ މި ބަލި ހުރިކަން އެނގުނީ ވަރަށް ތުއްތު އިރު އެވެ. އެންމެ ކުޑައިރުއްސުރެ ވެސް އޭނާގެ އަތާއި ފައިގައި ވަރަށް ވާގި ދެރަކަން އެމީހުންނަށް ފާހަގަ ކުރެވުނު ކަމަށާއި އެހެން މީހެއްގެ އެހީތެރިކަމާ ނުލައި އިށީނދެ އިނުމާއި ކޮޅަށް ހުރުން ފަދަ އެއްވެސް ކަމެއް ވެސް ދަރިފުޅަށް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

މި ބަލި ޖެހިފައިވާ މީހުންގެ ސްޕައިނަލް ކޯޑާއި ބްރެއިން ސްޓެމްގައި ނާވް ސެލްސްތައް ނެތުމުގެ ސަބަބުން ގައިގައި ހުންނަ މަސްތަކުގައި ވަރެއް ނުހުރެ އެވެ. އަމިއްލައަށް ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަލުވާ ނުލެވެނީ އެހެންވެ އެވެ. މި ބައްޔަށް ކުރެވޭ ހަމައެކަނި ފަރުވާ އަކީ މި އަގުބޮޑު ޖީން ތެރަޕީ އެކަންޏެވެ.

"ބޭސް އުފައްދާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން މިކަހަލަ މަދުން ނޫނީ ނުފެންނަ ޑިސްއޯޑާތައް ހުންނަ ކުދިންގެ ފަރުވާތައް ސްޕޮންސާ ދޭ. އެހެންވެ އަހަރެމެން ވެސް ފާއިތުވީ ދެ އަހަރު ތިބީ އެފަދަ ކުންފުނިތަކުގެ ވެއިޓިން ލިސްޓުގައި ދަރިފުޅުގެ ނަން ޖައްސައިގެން. ނަމަވެސް ދެ އަހަރު ވީއިރުވެސް ލިބޭގޮތް ނުވީމަ ކްރައުޑް-ފަންޑިން ފެށީ،" އަޔާންޝްގެ ބައްޕަ ބުންޏެވެ.

މި ޖީން ތެރަޕީ އަޔާންޝް އަށް ދިނީ ޑރ. ރަމޭޝް ކޮނާކީ އެވެ. އޭނާ ވިދާޅުވީ މި ތެރަޕީ އަށްފަހު އަޔާންޝްގެ ބަލި އެ ހުރި ވަރެއްގައި ހިފެހެއްޓޭނެކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މިހާރުން ފެށިގެން އޭނާގެ ހަށިގަނޑު އެކަށީގެންވާ ގޮތަކަށް ހެދި ބޮޑުވަމުންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"މި ޑިސްއޯޑާ ޖެހިފައިވާ 800-900 ވަރަކަށް މީހުން މިހާރު ދުނިޔޭގައި ތިބިކަމަށް ވަނީ. އާންމުކޮށް މި ބަލި ހުންނަ ކުދިން އުމުރުން ދެ އަހަރު ނުފުރެނީސް މަރުވޭ. ކްރައުޑް-ފަންޑިންގެ އެހީގައި އަޔާންޝް އަށް މި ފަރުވާ ލިބޭނެގޮތް ވީތީ އަހަރެން ވަރަށް އުފާކުރަން،" ޑޮކްޓަރު ވިދާޅުވި އެވެ.