އެމްޑީޕީ

ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ދޭން އެމްޑީޕީން އެދިއްޖެ

ލާމަރުކަޒީ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ މާލޭގެ ލޭންޑް ޔޫސް ޕްލޭންއަށް މާލޭގެ ރައްޔިތުން ހިޔާލު ދޭން ވެރިކަން ކުރާ އެމްޑީޕީން އެދިއްޖެ އެވެ.

ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހޯދުމުގެ ބައްދަލުވުމެއް މާދަމާ ރޭ 8:30 ގައި އޮންލައިންކޮށް ބާއްވަން ތާވަލު ކޮށްފައިވާއިރު އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން މިހާރު އޮތީ ހުޅުވާލައިފަ އެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ހުޅުވާލި އެ ފުރުސަތާ ގުޅޭގޮތުން އެ ސިޓީ ކައުންސިލްގައި ތިއްބަވާ އެމްޑީޕީގެ ކައުންސިލަރުން ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންނަށް ފައިދާ އާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާއީދު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދޭނެ ކަމަށެވެ.

"ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފަތަކުން އަޅުގަނޑުމެން ނެއްޓި ތިބޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަން މެއެވެ. އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުންނެވެ." އެމްޑީޕީގެ ކައުންސިލަރުން ނެރުނު ބަޔާނުގައި ވެއެވެ.

އެެހެންކަމުން ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ މާލެއަކީ ހިތްގައިމު ތަނަކަށް ހަދަަން ހިޔާލާއި މަޝްވަރާ ދިނުމަށް ކައުންސިލަރުން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.