އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ފާސް ކޮށްފި އެވެ.
ދައުލަތުން އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މި ދެ ބިލް ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް ބޮޑެތި ބަދަލުތަކަކާ ނުލަ އެވެ. ނަމަވެސް ގެއެއް ހަމަޖައްސައި ދޭން ވާނެ ކަމަށް ދެ ބިލްގައި ވެސް ބުނެފައިވާތީ އެ އިބާރާތަށް ބަދަލެއް ގެނެސްފައިވެ އެވެ. އެގޮތުން ކޮމިޓީން ވަނީ ގެއެއްގެ ބަދަލުގައި ދިރިއުޅުއްވާނެ ތަނެއް ހަމަަޖައްސައި ދޭން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އިބާރާތް އިސްލާހު ކޮށްފަ އެވެ. ކޮމިޓީ އެގޮތަށް އިބާރާތް އިސްލާހު ކުރީ ގެއެއް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފިނަމަ އެތަނަކީ ވަކިން ހުންނަން ޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުސަތު އޮންނާނެތީ އެވެ.
ވަކިވަކިން ހުށަހަޅާފައިވާ މި ދެ ބިލްގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނީ އެމްއެންޑީއެފުންނެވެ. އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިހާރު ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެނީ ސިފައިންނެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ ބިލްގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އާއިލާގެ ގޮތުގައި ބިލްގައި ބަލާފައިވަނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ. އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިން ކައިވެނިކޮށްގެން ނޫޅޭ ދަރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް އާއިލާގެ ތެރޭގައި ހިމަނާފައިވެ އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.
ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެންނެވެ. ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އެ ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު އެމަނިކުފާނު ވަނީ ޖަރުމަނަށް ވަޑައިގެން އިތުރު ފަރުވާ ވެސް ހޯއްދަވާފަ އެވެ. މިވަގުތު ވެސް ރައީސް ނަޝީދު ހުންނެވީ ޖަރުމަންގަ އެވެ.