ޓެކްނޯލޮޖީ

އެމޯންގް އަސް: ބޮޑެތި އަޕްޑޭޓްތަކެއް

މީގެ ތިން އަހަރު ކުރިން ނެރެފައިވާ "ސޯޝަލް ޑިޑަކްޝަން" ގޭމް، އެމޯންގް އަސް އަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއްގޭމު ކަމަށް ބުނެވިދާނެ އެވެ. ގިނަ ބަޔަކު މޮބައިލް ޑިވައިސް ތަކުން އަދި ޕީސީން ކުޅެމުން އަންނަ މި ގޭމަށް ބޮޑެތި އަޕްޑޭޓްތަކެއް އަންނާނެކަން ގޭމްގެ ޕަބްލިޝާ "އިނާސްލޮތު" އިން ވަނީ ޖޫން 11 ވަނަ ދުވަހު އިއުލާން ކޮށްފަ އެވެ.

ގޭމަށް ގެންނަ އަޕްޑޭޓް ތަކުގެ ރޯޑްމެޕެއް ދައްކާލާފައިވާއިރު، މި އަޕްޑޭޓް ތަކުގެ ތެރެއިން ފުރަތަމަ އަޕްޑޭޓް މިހާރު ވަނީ ނެރެފަ އެވެ. ދޫކޮށްލި އަޕްޑޭޓްގައި ފާހަގަ ކޮށްލެވޭ ތިން ކަމެއް ހިމެނެ އެވެ. މީގެ ތެރޭގައި 15 ކުޅުންތެރިންނަށް އެއްފަހަރާ ކުޅެވޭ ގޮތް ހެދުމާއި، އާ ކެރެކްޓާ ކުލަތައް ގެނައުން އަދި މޯބައިލް ޑިވައިސްތަކަށް ކޮންޓްރޯލާ ސަޕޯޓް ގެނައުން ހިމެނެ އެވެ.

އިނާސްލޮތުގެ ރޯޑް މެޕްގައި މި އަޕްޑޭޓްގެ އިތުރުން ވެސް ގިނަ އާ ބަދަލުތައް ގޭމަށް ގެންނަން ނިންމާފައިވެ އެވެ. ނަމަވެސް އިތުރު އަޕްޑޭޓްތައް ގެންނާނެ ވަކި ދުވަހެއް އަދި ބުނެފައެއް ނުވެ އެވެ. މީގެ ކުރިން ވަނީ މި ގޭމް، ޕްލޭސްޓޭޝަން އަދި އެކްސްބޮކްސްގައި ބޭނުން ކުރެވޭ ގޮތަށް ގޭމް އިތުރަށް ތަރައްގީ ކުރަމުންދާ ކަންވެސް ހާމަކޮށްފަ އެވެ.

ކުރިއަށް ގެންނަން ނިންމާފައިވާ އަޕްޑޭޓްތަކުގެ ތެރޭގައި، ގޭމަށް އާ މޯޑްތަކެއް ތައާރަފް ކުރުމާއި، އާ މެޕެއް ގެނައުން ހިމެނެ އެވެ. މީގެއިތުރުން ވެސް މުހިއްމު ބަދަލުތަކެއް ގޭމަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އިނާސްލޮތުއިން ވަނީ ބުނެފަ އެވެ.