ފްރާންސްގެ ވެރިރަށް ޕެރިހަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާ އަކީ އެއް ބަޔަކު ރޮއްވާލިއިރު ދެން ތިބި ބަޔަކަށް އުފަލުން ގޮސް ރޮވުނު ކަމެކެވެ. މި ހިތާމަވެރި އަދި ބިރުވެރި ވަގުތުގައި ފްރާންސްގެ ރައްޔިތުންނާ އެކުގައި ތިބިކަން އެނގުމަށް ފޭސްބުކް މެދުވެރިކޮށް ޕްރޮފައިލް ފޮޓޯގަނޑަށް ފްރާންސްގެ ދިދަ އެއް ބަޔަކު ފާއްދާލި އިރު ދެން ތިބި ބަޔަކު އެމީހުންގެ ޕްރޮފައިލް ޕޭޖުތަކުގައި ފާޅުކުރަމުން ދިޔައީ އެކަމާ ދެކޮޅު ހިޔާލެވެ.
އުފައްދަމުން ދިޔައީ ސުވާލެވެ. ހަގީގަތަކީ ޕެރިހަށް ދިން ބޮމާއި ބަޑީގެ ހަމަލާތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ބައެއްގެ ހިޔާލު ދެކަފިކޮށްލި ކަމެކެވެ. ކީއްވެގެން ހެއްޔެވެ؟
އެންމެބޮޑު މައްސަލައަކަށްވީ ޕެރިހަށް ދިން ހަމަލާ އަށް ދުނިޔެއިން، ވަކިން ހާއްސަކޮށް ހުޅަނގުގެ މީޑިއާތަކުން ސަމާލުކަން ދިން ގޮތެވެ. އަބަދުވެސް މުސްލިމުން ކުށްވެރިވެ، ހުޅަނގުގެ ކާފަރުން ނުވަތަ މުސްލިމު ނޫން މީހުން "ވިކްޓިމައިޒް" ވެފައިވާކަން ދައްކުވައިދޭ ފަދަ ގޮތަކަށެވެ.
މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ ފްރާންސްގެ ރައްޔިތުންނާ އެކު ދުނިޔެ އޮތްކަން އެނގުމަށް ފްރާންސްގެ ގައުމީ ދިދައިގެ ކުލަ އަށް ފޭސްބުކްގް ޕްރޮފައިލް ފޮޓޯ ބަދަލުކޮށްލެވޭ އެޕް ތައާރަފްކޮށް އޭތި ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު އެމީހުންގެ ޕްރޮފައިލް ފޮޓޯގަނޑު ފްރާންސްގެ ކުލަތަކަށް ބަދަލުކުރަން ފެށުމުންނެވެ.
މިކަން މައްސަލަަކަށްވީ ކީއްވެ ހެއްޔެވެ؟
ޕެރިހަށް ދިން ހަމަލާ ކަހަލަ ހަމަލާއެއް ގާތްގަނޑަކަށް ހަމަ އެއްވަގުތެއްގައި ލުބްނާނަށް ވެސް ދިނެވެ. ބެލެވޭ ގޮތުގައި އެއީ ވެސް ފްރާންސަށް ހަމަލާ ދިން އިސްލާމިކް ސްޓޭޓްގެ ޓެރަރިސްޓުންގެ ހަމަލާއެކެވެ. ލުބްނާނުގައި ވެސް ދިނީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެކެވެ. އަނިޔާވީ އާންމުންނަށެވެ. ފްރާންސްގައި ވީ މިހެންނެވެ.
އެކަމަކު ލުބްނާނަށް ދިން ހަމަލާ އަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ފަލަ ސުރުހީއަކަށް ނޭރި އެވެ. އަދި އެގައުމުގެ އާންމުންނާ އެކު ދުނިޔެ އޮތްކަން އެންގުމަށް ފޭސްބުކުން ދިދައިގެ ކުލަ ފާއްދާލެވޭ ކަހަލަ އެޕެއްގެ ފުރުސަތު ވެސް ނުދެ އެވެ. މީގެ އިތުރުން ސްޓެޓަސްގައި "ސޭފްޓީ ޗެކްއިން" ވުމުގެ ފުރުސަތެއް ވެސް ފޭސްބުކުން ލުބްނާނުގެ އާންމުންނަކަށް ނުދެ އެވެ.
މިއީ އެމެރިކާ އިން ބާރުގަދަކޮށްފައިވާ މި ދުނިޔޭގައި މުސްލިމުންގެ އަގު ވެއްޓިގެން ގޮސްފައިވާ މިންވަރު ނުވަތަ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އަގު އެއްޗަކަށް ނުވާ މިންވަރު ނިކަން ބޮޑަށް ހާމަކޮށްދިން ހަގީގަތެކެވެ.
ޕެރިހަށް ދިން މި ހަމަލާއަކަށް ފަހު މުޅި ދުނިޔެ އިން އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ދުއާކުރަމުން ހިތާމަ ފާޅުކުރަމުން އަންނައިރު މި ޖަޒުބާތެއްގެ ތެރެއިން މުސްލިމުންނަށް ވެވުނު ބޭއިންސާފުގެ ކުރިއަކަށް ފަހު ކުރިއެއް މިހާރު ދަނީ ފަޅަމުންނެވެ. އެގޮތުން އެންމެ ބޮޑަށް މީހުން އުފައްދަމުން ދާ ސުވާލަކީ މިއީ އެވެ.
"ޕެރިހުގައި އެއީ އެންމެ ދުވަހެއްގެ ކަމެކެވެ. ފަލަސްތީނުގެ ރައްޔިތުންގެ ބޮލަށް އިޒްރޭލުން ބޮންނާޅާ ދުވަހެއް ނެތެވެ. އެކަމަކު ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މިފަދަ ކެމްޕޭނެއް ދުނިޔެ އިން ނުޖައްސަނީ ކީއްވެ ހެއްޔެވެ؟."
ފަލަސްތީނާއި އިޒްރޭލުގެ ތަޅާފޮޅުމަކީ ޔަގީނަށް ވެސް ހުޅަނގުގެ ސަރުކާރުތަކުން އަދި މީޑިއާތަކުން މުސްލިމުންނާއި އެހެން މީހުން ތަފާތުކުރުމަށް ގެންގުޅޭ ސިޔާސަތުތައް އެންމެ ބޮޑަށް ހާމަވެގެންދާ މައްސަލަ އެވެ. ޕެރިހަށް ދިން ހަމަލާއަށް ފަހު އެއް ބަޔަކު މުސްލިމުން ކުށްވެރިކުރަމުން ޕެރިސްގެ ފަހަތަށް ވަނުމުން ފަލަސްތީނު ރައްޔިތުންގެ ހިތްދަތިކަމުގެ ވާހަކަ ނުދައްކައި މުސްލިމުންނަށް ނުތިބެވުނީ މިހެންވެ ކަމަށް ވެދާނެ އެވެ.
ހަގީގަތަކީ ޕެރިހަށް ދިން ހަމަލާ އަށް ފަހު ހުޅަނގުގެ ސަރުކާރުތަކާއި މީޑިއާތަކުގެ ދެފުއްދެގޮތް ސިޔާސަތު ނިކަން ބޮޑަށް ހާމަވެގެން ހިނގައްޖެ ކަމެވެ.
މިއަދުގެ ދުނިޔޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ބަޔަކީ މުސްލިމުންނެވެ. އިރާގާއި ސީރިއާގައި މުސްލިމުންނާއި މުސްލިމުން ކަތިލަމުން އަންނައިރު މި ލޭ އޮހޮރުވުމުގެ އަސްލު ބެލެނިވެރިޔަކީ ވެސް އެމެރިކާ އެވެ. އިސްލާމިކް ސްޓޭޓް އާއި އެފަދަ އެހެން ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ވެސް އުފެދިގެން ދިޔައީ އެމެރިކާގެ ސީދާ އެއްބާރުލުން ލިބުނު ހަނގުރާމަވެރިންތަކެއްގެ ސަބަބުންނެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމައިގައި އެމެރިކާ އިން ބޭނުންވާ ގޮތަށް ސީރިއާގެ ވެރިކަން ވައްޓާލަން ތާއީދުކުރާ މީހުންނަށް ވެސް އެމެރިކާ އިން އެ ގެންދަނީ ޒަމާނީ ހަތިޔާރު ފޯރުކޮށްދެމުންނެވެ. މީގެ 10 އަހަރު ފަހުން އެމީހުން "އައިއެސް" އެއްގެ ގޮތުގައި އުފެދިގެން އައުމުގެ ފުރުސަތު ވެސް އެބައޮތެވެ. މަޝްހޫރު ޓެރަރިސްޓް އުސާމާ ބިން ލާދިން އަކީ ވެސް އެމެރިކާގެ މިފަދަ މަދަދުވެރިކަން ލިބިގެން އުފަންވި ޓެރަރިސްޓެއް ކަމަށް ތާރީޚު ހެކިވެ އެވެ.
އަނެއްކޮޅުން ދުނިޔޭގެ އެހެން ތަންތަނުގައި ވެސް މުސްލިމުން ކަތިލައި މަރަނީ އެވެ. ނަސޯރާއިންނަށް މުސްލިމުން ވެސް ހަމަލާ ނުދޭ ވާހަކައެއް ނޫނެވެ. އެކަމަކު ބޭ އިންސާފުން އަނިޔާ ލިބެމުންދާ މުސްލިމުން މިއަދުގެ ދުނިޔޭގައި ވަރަށް ގިނަ އެވެ. މުސްލިމަކަށްވީތީ އޭނާއާ މެދު ތަފާތުކުރެވޭ ހާލަތްތައް ގިނަ އެވެ.
މިސާލަކަށް މިއަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުން ދޭ އަނިޔާގައި އޮތީ ކޮން ހައްގެއްތޯ އެވެ. އެމެރިކާ އިން އައިސް ނައްތާލަން ކަމަށް ބުނެ ސީރިއާ އަށް ދެމުންދާ ހަމަލާތަކުގައި އާންމުން މަރުވަމުންދާ މައްސަލަ ބަލަނީ ބައިނަލްއަގުވާމީ ކޮން ކޮމިޝަނަކުންތޯ އެވެ؟
ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ އަނިޔާ ހުއްޓުވަން މަސައްކަތްކުރަނީ ދުނިޔޭގެ ކޮން ބާރުގަދަ ގައުމެއް ހެއްޔެވެ؟ ފަލަސްތީނުގެ ދިދަ ހުރިހާ ގައުމެއްގައި ނަގައި އދ. އިން ގޮނޑިއެއް ދިނީމަ އެމީހުންނަށް މިނިވަންކަން ހޯދައި ދެވުނީ ހެއްޔެވެ؟ އިޒްރޭލުން ގަވާއިދާ ހިލާފަށް ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތައް އަދި އެ ބިންތަކުން ފައްސާލެވިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދެވުނީތޯ އެވެ؟
އެމެރިކާ އިން އަދި ޔޫރަޕުން ވެސް ބުނާ ވާހަކަ އަކީ އިޒްރޭލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމެވެ. އެކަމަކު ފިޔަވަޅު އަޅައި އެކަން ހުއްޓުވާކަށް އެއްވެސް ކަމެއް ނުކުރެ އެވެ.
އެކަމަކު އިޒްރޭލުގެ އަޅުވެތިކަމުން އަރައިގަތުމަށް ގާޒާ އިން ރޮކެޓް ހަމަލާއެއް ފޮނުވާލީމަ ނިކަން ފަސޭހައިން އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުން އެކަން ކުށްވެރިކުރާނެ އެވެ. އެ ރޮކެޓް ހަމަލާއެއްގައި މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުލިބުނަސް ވަރިހަމަ އެވެ. އާންމުކޮށް އެފަދަ ރޮކެޓް ހަމަލާތައް އެނބުރިގެން ގޮސް ވެއްޓެނީ ވެސް މީހުން ނޫޅޭ ސަރަހައްދުތަކަށެވެ.
އެކަމަކު ބަދަލުގައި އިޒްރޭލުން ގަޒާ އަށް ބޮން އަޅައި އެފުށްމިފުށަށް ޖަހައިލަނީ އެވެ.
އިޒްރޭލާ ދެކޮޅަށް ގާޒާގައި ހަމަލާ ދެނީ ހަނގުރާމަވެރިން ކަމަށް ކަނޑައަަޅަން އެމެރިކާ އަށް އެނގެ އެވެ. އެކަމަކު ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލަން އެމެރިކާ އިން ހަތިޔާރު ފޯރުކޮށްދީ ހަނގުރާމަވެރިންތަކެއް އުފަން ކުރުވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫނެވެ.
މި ވާހަކައެއް، މިއަދުގެ ދުނިޔޭގައި މުސްލިމުންނަށް އޮތް ބޭއިންސާފުގެ ވާހަކަ މިގޮތަށް ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ އެވެ. އެހެންވީމަ ސުވާލަކީ، ފްރާންސްގެ ރައްޔިތުންނާ އެކުގައި ވުމަށް ފޭސްބުކްގެ ޕްރޮފައިލް ފޮޓޯގަނޑަށް އެގައުމުގެ ދިދަ ފާއްދާލާނަން ހެއްޔެވެ؟