ބޮލީވުޑް

"ޑަންގާލް"ގެ ޝޫޓިންގައި އާމިރް ޚާނަށް އަނިޔާވެއްޖެ

Nov 15, 2015

ސުޕަސްޓާ އާމިރް ޚާން ރެސްލިންތެޅުންތެރިޔާ މަހާވިރް ސިންގް ޕޮގަތްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ޑަންގާލް"ގެ ޝޫޓިންގެ ތެރެއިން ފަޔަށް އަނިޔާވެއްޖެ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން އަނިޔާވެފައިވަނީ އާމިރްގެ ފައިގެ ފަލަމަސް ގަނޑަށެވެ.

އާމިރްގެ ފަލަ މަސްގަނޑުގެ މަސްލް ސްޕޭސްމްވީ ފިލްމުގައި ކުޅެން ޖެހޭ ރެސްލިންތަޅާ މީހެއްގެ ރޯލަށް ފިޓް ވުމުގެ ގޮތުން ބުރަކޮށް ޓްރެއިން ހަދަމުން އައުމުގެ އިތުރުން، ފިލްމުގެ ޝޫޓިން އަވަހަށް ނިންމުމަށް އާމިރް ބޭނުންވާތީ، މާބޮޑު އަރާމުކުރުމެއް ނެތި ގިނަ ވަގުތު ޝޫޓިންގައި އުޅެމުން އަންނާތީ ކަމަށް ބުނެފައިވެ އެވެ.

"ފަލަ މަސްގަނޑަށް ތަދުވާ ކަމަށް އާމިރް ބުނުމުން ވަގުތުން ވަނީ ޑޮކްޓަރަށް ދައްކަައި މެޑިކަލް ޗެކަޕްތައް ހައްދާފައި" ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.

ނަމަވެސް މިވަގުތު އާމިރް އަންނަނީ އަރާމުކުރަމުން ކަމަށާއި މާބޮޑު ގެއްލުމެއް މަސްގަނޑަށް ލިބިފައިނުވާތީ، ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން އާމިރް އަލުން ފަށާނެކަމަށްވެސް ވަނީ ބުނެފަ އެވެ.

ގިނައިން ރެސްލިންތަޅާ މަންޒަރުތައް މިފިލްމުގައި ހިމެނޭއިރު، ފިލްމަކީ ޕޯގަތް ގޭގައި އޭނާގެ ދެއަންހެންދަރިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބަށް ގެންގޮސްދޭ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި މިފިލްމުގެ ބައެއް މަންޒަރުތައް ވަނީ ޕަންޖާބުގެ އެކި ހިސާބުތަކުގައި ނަގާފަ އެވެ.

އާމިރް އާއެކު މިފިލްމުގެ ޝޫޓިން ތަކުގައި އޭނާގެ ޕާސަނަލް ޓްރެއިނަރު އަދި ކުރީގެ ފިލްމީ ތަރިއެއް ކަމަށްވާ ރާހުލް ބަޓް ވެސް ބައިވެރިވެ އެވެ. އެގޮތުން އާމިރްގެ ޑައިޓާއި ކަސްތަރުކުރުންވެސް ކުރިއަށް ގެންދަނީ ރާހުލްގެ އިރުޝާދުގެ ދަށުންނެވެ.

"ޑަންގާލް" އަށް ތައްޔާރުވުމުގެ ގޮތުން އާމިރްގެ ބަރުދަން 90 ކިލޯ އަށް ވުރެން ބަރުކޮށްފައިވާއިރު، ބަރުދަން އިތުރުވުމުގެ ސަބަބުން ވަރަށް ގިނަ އުނދަގޫތަކެއް ވާކަމަށް މީގެކުރިން އާމިރް ވަނީ ބުނެފަ އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ޕޯގަތް ކުޑައިރު ފެނިގެންދާ ގޮތް ދައްކާލުމަށް އާމިރް އަލުން ބަރުދަނުން ވަރަށް ބޮޑުތަން ލުއިކުރާނެ އެވެ. އެހެންކަމުން މިފިލްމު ޝޫޓްކޮށް ނިމޭނީ އަންނަ އަހަރުގެ ތެރޭގަ އެވެ.