ސަރުކާރުން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް މި ދައުރު ނިމޭއިރު ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ބަޔަކަށް އެކަން ހާސިލު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހި ކަމަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށާ މި ސަރުކާރުން ފަށާ އެއް މަސައްކަތަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އަމާޒު ކޮށްގެން ހިންގޭ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށެވެ.
"ގެދޮރުވެރިޔާ ލޯނު ސްކީމް" ގެ ނަމުގައި ފަށާ ލޯނު ސްކީމަކީ ކުޑަ އިންސްޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ތައާރުފުކުރާ ލޯނު ސްކީމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް ކަމަށެވެ. އަދި ލޯނަށް އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 5000 ރުފިޔާ ކަމަށް ވިދާޅުވިއެވެ.
"ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ގިނަވެގެން ހަތް ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދޫކުރެވޭނެ. އެހެންކަމުން މިއަދު މި ފަށާ ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުން ވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަަށާ ހާއްސަކޮށް މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ރައްޔިތުން ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ސޮއިކުރެވި މަސައްކަތް ފެށުމަށްޓަކައި 7000 ފްލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމުގައި ބޭނުންވާ ފައިސާ ހަމަޖެހި އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް މި ދައުރު ނިމޭއިރުގައި ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާސިލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.