ދުނިޔެ

އެމެރިކާ ނުރުހުނަސް އެސް400 ދޫކޮށް ނުލާނެ: އުރުދުޣާން

ނޭޓޯ ސަމިޓްގެ ރަސްމީ އެޖެންޑާގައި ހުރި މަޝްވަރާތަކަށް ވުރެ އަރިމަތި / ހަވާސާގައި ހިނގަމުންދާ ބައްދަލުވުންތަކުގައި މާ ގިނަ މުހިންމު ނިންމުންތަކެއް ނިންމަމުން އެބަ ގެންދެ އެވެ. ދޭދޭ ގައުމުތަކުގެ ވެރިން ބައްދަލު ކުރައްވައި ދުނިޔެ ބަދަލު ކޮށްލެވިދާނެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

ތުރުކީގައި ރަޝިއާގެ އެސް400 މިސައިލް ޑިފެންސް ސިސްޓަމް ބެހެއްޓުމަކީ އެމެރިކާ އެއްގޮތަކަށް ވެސް ރުހޭ ކަމެއް ނޫނެވެ. ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ބްރުސެލްސްއަށް ވަޑައިގެން ދެ ބޭފުޅުން ގިނިކަންޏާ ބައްދަލު ކުރައްވައި މުހިންމު ވާހަކަތަކެއް ދެއްކެވި އިރު މިމައުލޫ ވެސް އޮތީ ހިމަނާފަ އެވެ.

އުރުދުޣާން ބައިޑަންއާ ދެއްކެވި ވާހަކަތަކުގައި އެސް400 ދޫކޮށް ނުލައްވާނެ ކަމަށް ސާފުކޮށް ވަނީ ވިދާޅުވެފަ އެވެ. އަދި ރަޝިއާއާ ގުޅުން ކިތަންމެ ގާތް ނަމަވެސް އެއީ އެމެރިކާއާ ތުރުކީއާ އޮންނަ ގުޅުމަށް ބުރޫ އަރަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އުރުދުޣާން ބައިޑަންއަށް ދެންނެވި އެވެ.

އެމެރިކާއަކީ އެއްގޮތަކަށް ވެސް ތުރުކީއަށް ހެޔޮ އެދޭ ގައުމެއް ނޫނެވެ. ދުނިޔޭގައި ސުލްހަ ދެމެހެއްޓުމުގައި ހަގީގަތުގައި އެމެރިކާ ކުޅެނީ ނުބައިބައެވެ. ސީރިއާގައި ތުރުކީ ފައުޖުތަކަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވާ ކުރުދީ ބާޣީ ހަނގުރާމަވެރި ގުރޫޕްތަކަށް ހަތިޔާރު ސަޕްލައި ކޮށްދެނީ އެމެރިކާއިންނެވެ.

އެމެރިކާއިން ތުރުކީއާ ދެކޮޅަށް ކިތަންމެ ގަރާރެއް ފާސްކޮށް އަމަލު ކުރަން ދުނިޔެއަށް ވަނީ ގޮވާލާފަ އެވެ. ތުރުކީ ކުރިއަރައިގެން ހިނގައިދާނެ ކަމަށް ބިރުން އޮބައިގަންނާނެ ގޮތަކާ މެދު އެމެރިކާ އަބަދު ވެސް އެމެރިކާއިން ވިސްނާ ފިކުރުކުރެ އެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރު އެމެރިކާ އަޅާހާ ބަތަކަށް ރިހަ އެޅުމަކީ ތުރުކީއަށް ކުރަން ޖެހޭ ކަމެއް ނޫނެވެ.

ރައީސް ބައިޑަން ތުރުކީއަށް ވަޑައިގަތުމަށް އުރުދުޣާން ދެއްވި ދައުވަތު އަދި ގަބޫލު ނުކުރައްވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް އުރުދުޣާން ވިދާޅުވި ގޮތުން ބައިޑަން ތުރުކީއަށް ވަޑައިގަންންވާނެ އެވެ.

އުރުދުޣާން ވިދާޅުވީ ބައިޑަންއަކީ ކުރިން ވެސް ގާތް ރައްޓެއްސެއް ކަމަށާއި ސިޔާސީ ވާހަކަތައް އެހެން ހުރި ނަމަވެސް ދުރު ކަމެއް ނެތް ކަމަށެވެ. ކޮންމެ ބަޔަކު ވެސް ގައުމަށްޓަކައި ވިސްނާ ވިސްނުންތަކެއް ހުންނާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.