ދުނިޔެ

ޑްރޯން ވައްޓާލެވުނީތީ ހިތާމަކުރަން: ޕެންޓެގަން

ސީރީއާގައި ތުރުކީގެ ބެލުމުގެ ދަށުގައި އޮންނަ ސަރަހައްދެއްގައި ދަތުރުކުރި ޑްރޯނެއް، އެމެރިކާގެ ފައިޓަރު ޖެޓަކުން ހަމަލާދީ ވަނީ ވައްޓާލާފަ އެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން، ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާންއަށް ފޯނުކުރައްވައި މަޝްވަރާކުރެއްވި އެވެ.

ދެ ވަޒީރުން މަޝްވަރާކުރެއްވީ މިފަދަ ހާދިސާތައް މަދުކުރެވިދާނެ ގޮތްތަކާ މެދު އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ބުނާ ގޮތުން ތުރުކީގެ ޑްރޯން އުޅުނީ ކުރުދީންގެ އަމާޒުތަކަށް ހަމަލާދޭށެވެ. މި ބޭނުމަށްޓަކައި ޑްރޯން ދަތުރުކުރި ކުރުމުގައި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ނުރައްކާވާހާ ގާތަށް ދެވުނީ އެވެ.

ޕެންޓަގަންގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޕެޓް ރައިޑާ ވިދާޅުވީ އެމެރިކާގެ އަސްކަރީ މަރުކަޒާ ގާތްނުވުމަށް ތަކުރާރުކޮށް އަންގައި ދިން އިންޒާރަށް ބެލުމެއް ނެތި އެ ޑްރޯން 500 މީޓަރަށް ގާތްވުމުން އިތުރު އިޚުތިޔާރެއް ނެތުނީ އެވެ.

ތަރުޖަމާން ވިދާޅުވީ ތުރުކީގެ ޑްރޯނަކަށް ހަމަލާދޭން ޖެހުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އެކަން އެ ގޮތަށް ކުރެވުނީ އަސްކަރީ މަރުކަޒުގައި ތިބި އެމެރިކާގެ 900 ސިފައިންގެ ހިމާޔަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތުރު ސީރިއާގައި ހަކަރާތްތެރިވާ ކުރުދީ ބާރުތަކަށް އެމެރިކާގެ ތާއީދު އޮވެ އެވެ. އެ މީހުން ހަތިޔާރު ސަޕްލައިކޮށްދިނުން ފަދަ އެހީތައް، ސީރިއާގައި ތިބޭ އެމެރިކާ ސިފައިން ކުރެ އެވެ.

ނަމަވެސް، ކުރުދީންނާއި ތުރުކީއާ ދެމެދު އޮންނަނި އަދާވާތްތެރިކަމެވެ. ތުރުކީއަށް މިދާކަށް ދުވަހު ދިން ޓެރަރިސްޓް ހަމަމާ އަކީ ވެސް ކުރިދީންގެ ރޭވުމެއް ކަމަށް ތުރުކީ ގަބޫލުކުރެ އެވެ. މި ހަމާގެ ޒިންމާ ޕީކޭކޭއިން ވަނީ ނަގާފަ އެވެ. ޕީކޭކޭ އަކީ ކުރުދީންގެ އަސްކަރީ ގޮތްޕެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ސިފައިންގެ ހަމަލާއެއްގައި ތުރުކީގެ ޑްރޯން ވައްޓާލީ އެ ޑްރޯން އަކީ ތުރުކީގެ ޖާސޫސީ އިދާރާ، ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަން (އެމްއައިޓީ) އަށް ނިސްބަތްވާ ޑްރޯނަކަށް ވާތީ އެވެ. މިކަމުގެ ހުރިހާ މައުލޫމާތެއް އެމެރިކާއަށް އޮތީ ލިބިފަ އެވެ.

ތުރުކީގެ ޑްރޯނަކަށް ހަމަލާދެވުނީތީ އެމެރިކާ މިހާރު އޮތީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފަ އެވެ. މިކަން ފޫބެއްދުމަށް އެމެރިކާގެ ދިފާއީ ވަޒީރު، ތުރުކީގެ ދިފާއީ ވަޒީރު ޔަސާރު ގުލާއަށް ފޯނުކުރައްވައި ވަނީ އޭތި މީތި ވިދާޅުވެފަ އެވެ.

ތުރުކީ ރުޅިއަރުވާލުމަކީ އެމެރިކާއަށް ވެސް މިހާރު ފަސޭހަ ކަމަކަށް ނުވާތީ އެމެރިކާ އިސްވެ ތުރުކީގެ ވަޒީރުންނަށް ފޯނުކުރައްވައި ބަހަނާދެއްކެވީ އެވެ.