ދުނިޔެ

އެމެރިކާގެ ޖެނެރަލުން ގޮތް ނޭނގޭ ދަތުރެއްގައި ސީރިއާއަށް

އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޗެއާމަން، ޖެނެރަލް މާކް މިލޭ ސީރިއާއަށް ވަޑައިގެންފި އެވެ.

މިއީ ސީރިއާގައި ތިބި އެމެރިކާ ސިފައިން ބާލަން ގޮވާލައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އަޑުގަދަކުރަން ފަށާފައި ވަނިކޮށް އޭނާ ކުރެއްވި ދަތުރެކެވެ. އެހެންނަމަވެސް ޖެނެރަލް މުލޭ ސިރިއާއަށް ވަޑައިގަތީ ކޮން ބޭނުމަކު ކަމެއް މީޑިއާއަށް ތިލަކޮށްފައެއް ނެތެވެ.

ބެލެވޭ ގޮތުގައި ސީރިއާގައި ތިބި ސިފައިން މަދުކުރުމާ ބެހޭ ގޮތުން އޭނާ މަޝްވަރާކުރައްވާނެ އެވެ.

ސީރިއާ އާއި އިރާނާ ގުޅޭ ބޯޑަރުގައި ތިބި އެމެރިކާ ސިފައިން ސީރިއާގެ އަވަށްތަކުން ވައްކަންކުރާ މައްސަލަވެސް އޮތީ ވަރަށް ބޮޑުވެފަ އެވެ. ތެލާއި ގޮވާން ފަދަ މިވަގުތަށް ވަރަށް މުހިއްމު ބާވަތްތަކުން ވައްކަންކުރާ ކަމަށް ނޫސްތަކުން އެތައް ފަހަރަކު ވަނީ ރިޕޯޓްކޮށްފަ އެވެ.

ޖެނެރަލް މާކް މިލޭގެ މި ދަތުރުގައި ސީރިއާގެ އިރުއުތުރު ބޯޑަރުގައި މަރުކަޒުކޮށްގެން ތިބި އެމެރިކާ ސިފައިންނާ ބައްދަލުކުރައްވައި އެ މީހުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ސީއެންއެން ބުންޏެވެ.

އެެމެރިކާގެ ސަރުކާރުން ސީރިއާއަށް ޑިޕްލޮމެޓިކް ފެންވަރުގައި ޖެނެރަލުން ފޮނުވުމުން، ސިރިއާގައި އެމެރިކާ ގެންގުޅޭ ސިޔާސަތަށް ބަދަލުއަތުވެދާނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް ސަރަހައްދީ ފެންވަރުގައި -- އީރާގު ނުވަތަ ސީރިއާ ސަރުކާރުގެ އޮފިޝަލަކާ މާކް މިލޭ ބައްދަލުކުރައްވާކަން އަދި އެނގިފައެއް ނެތެވެ.

އެކަމަކު އެމެރިކާގެ ނުފޫޒުގަދަ ނޫސްތަކުން ބުނާ ގޮތުން ސިރިއާގައި އެމެރިކާ ސިފައިންގެ ދައުރާ ބެހޭ ގޮތުން އެމެރިކާއިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

މިކަމަށް ބާރުދޭ އަނެއް ސަބަބަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް ލިބުމާ އެކު، އެމެރިކާގައި މިހާރު އޮތް ޑިމޮކްރެޓުންގެ ސަރުކާރަށް ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށް އަންދާޒާކުރެވިފައި އޮތުމެވެ.

ސީރިއާގައި އެމެރިކާ ސިފައިން ބޭތިއްބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބުނެ ރިޕަބްލިކަން ވަނީ މަޖިލީހުގައި ބަހުސްކުރަން ނިންމާފަ އެވެ.

މަޖިލީހުން ވަކި ގޮތެއް ނިންމައިފިނަމަ އެ ގޮތަށް އަމަލުކުރަން ޖޯ ބައިޑަންގެ ސަރުކާރަށް ލާޒިމްވާނެ އެވެ.