ދުނިޔެ

އެމެރިކާ ސިފައިން ލޮރީތައް ބަރާކޮށް ގޮވާމުން ވައްކަން ކުރަނީ

އެމެރިކާ ސިފައިން ބޯޑަރު ހުރަސްކޮށް ސީރިއާއަށް ވަދެ، ނުކުމެ އުޅޭ ގޮތް ސީރިއާގެ މީޑިއާތަކުން އަބަދުވެސް ކަވަރުކުރެ އެވެ. ހަތިޔާރުން ބަރާކޮށް ލޮރީތައް ސީރިއާއަށް ވަނުމަށް ފަހު ތެލާއި ކާބޯތަކެތިން ބަރާކޮށް ނުކުމު ގޮސް އީރާގަށް ވަންނަ ވާހަކަ ނޫސްތަކުގައި އަބަދު ރިޕޯޓްކުރެ އެވެ.

އެމެރިކާ ސިފައިން ކުރުދީންނާ ގުޅިގެން ސީރިއާއިން ގޮވާން ވަގަށް ނަގާ ވާހަކަ އަކީ މިހާރު މުޅިން އަލަށް ދެކެވޭ ވާހަކަ އެކެވެ.

މި ޚަބަރާ ގުޅުވައި އެމެރިކާ ސިފައިން ގޮވާން ބަރާކޮށްގެން ދުއްވާފައިދާ މަންޒަރު އަރަބް ނިއުސް އޭޖެންސީން އާންމުންނާ ހަމައަށް ވަނީ ގެނެސްދީފަ އެވެ.

ދުނިޔެ ގޮވާމަށް ޖެހިފައި އޮތް މި ދަނޑިވަޅުގައި އެމެރިކާ ސިފައިންނަށް ވުރެ ގޮވާމުގެ މުހިންމުކަން ސީރީއާގައި ދިރިއުޅޭ ނިކަމެތިންނަށް މާބޮޑެވެ.

ސީރިއާގެ ރައްޔިތުން ކާން ހައްދާ ގޮވާން ވަގަށް ނަގައި އެހެން ބަޔަކަށް ވިއްކި ނަމަވެސް އެއީ ގާތްގަނޑަކަށް 42،000 ފޮތި ޕާނެވެ. އަގުމަގުކުރުމުން 100،000 އަރާ ކަމަށް އަރަބް ނިއުސް އޭޖެންސީ ބުނެ އެވެ.

އެމެރިކާއިން ސީރިއާގެ ހުޅަނގު ސަރަހައްދު ތަކުގައި ބާރުގަދަކޮށް ކޮންޓްރޯލް ކުރުމަކީ ސީރިއާއާ ދެކޮޅަށް ކުރާ އިގުތިސޯދީ ހަނގުރާމައެއް ކަމަށް އެ ގައުމުން ބުނެ އެވެ. ސީރިއާ ސަރުކާރުން ބުނާ ގޮތުން އެއީ ތެލާއި ކަނާއިން މުއްސަނދި ސަރަހައްދެކެވެ.

ދިމިޝްގުން ބުނާ ގޮތުން އެމެރިކާގެ ވަކިތަކާ ހެދި ކެއިން ބުއިމަށް ބޭނުންވާ އެއްވެސް އެއްޗެއް އަމިއްލަ ބިމުން ނުލިބެ އެވެ. އެވަރުން ނުވެގެން ސީރިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ކެއން ބުއިމަށް ބަރޯސާވާން ޖެހެނީ އީރާނަށާއި ރަޝިއާއަށް ކަމަށްވެސް އަސަދުގެ ސަރުކާރުން ބުނެ އެވެ.

އެމެރިކާ ސިފައިން ސީރިއާ ބިމުން ތެޔޮ ވަގަށް ނެގުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ސީރިއާގެ ޕެޓްރޯލިއަމް މިނިސްޓަރު، ބައްސާމް ތޯމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން ތެޔޮ ސްމަގްލް ކުރުމުގެ ސަބަބުން ފާއިތުވި އަހަރު ސީރިއާއަށް 92 ބިލިއަން ޑޮލަރު ގެއްލުން ވެފައި ވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސީރިއާގައި މިހާރު ވެސް އެމެރިކާގެ 900 ސިފައިން އެބަތިއްބެވެ. އާންމު ގޮތެއްގައި ސިފައިން ތިބެނީ ޕެޓްރޯލް ވަޅުތަކާއި ގުދުރަތީ ގޭސް ވަޅުތައް ގާޑުކޮށްގެން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.