ސީރިއާއަށް އަމާޒުކޮށް ތުރުކީން އިތުރު އަސްކަރީ އޮޕަރޭޝަނެއް ހިންގުމަކީ އެދެވޭ ކަމެެއް ނޫން ކަމަށް އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެ އެވެ.
އޮސްޓިން ވިދާޅުވީ ސީރިއާއަށް ހަމަލާދޭން ހަދައިގެން މިހާރު އޮތް ހާލަތުގައި ވެސް އެ ސަރަހައްދު ނޯންނާނެ ކަމަށެވެ.
ސީރިއާ އާއި އިރާގު ގުޅޭ ސަރަހައްދީ ބޯޑަރުގައި ގޭންގް ހަދައިގެން ތިބި ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ތުރުކީގެ ޖެޓްތަކުން ދިން ހަމަލާތަކާ މެދު އެމެރިކާ ކުރިން ވެސް އޮތީ ނުރުހުން ފާޅުކޮށްފަ އެވެ.
އެމެރިކާގެ ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި ގޮތުގައި ތުރުކީން ދިން ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތިބި އެމެރިކާގެ ފައުޖުތަކަށް ވެސް ގެއްލުން ލިބުނު ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ސަރަހައްދުގައި ތިބެނީ އައިސިސްގެ ކިބައިން އެ ސަރަހައްދު ހިމާޔަތްކުރުމަށް ކަމަށެވެ.
ޓެރަރިސްޓުންގެ ކިބައިން ސަލާމަތްވުމަކީ ތުރުކީއަށް ވެސް އޮތް ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ޖޯން ކާބީ ވިދާޅުވީ ތުރުކީން ދޭ ހަމަލާތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ.
ސީރިއާއަށް ތުރުކީން ހަމަލާދޭން ފެށީ ތުރުކީގެ އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި ނޮވެމްބަރު 13 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.
ރޮކެޓް ހަމަލާތަކުން ހަނގުރާމަވެރިންނަށް ގޮތެއް ނުވެއްޖެނަމަ އެއްގަމު މަގުން ސީރިއާއަށް އަރައި ހަމަލާދޭނެ ކަމަށްވެސް ތުރުކީން އޮތީ ބުނެފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ރޮކެޓް ހަމަލާތަކަކީ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކުރި ވަރަށް ކުޑަ މިންވަރެއް ކަމަށާއި -- ތަން ސާފުކުރުމުެގެ މަސައްކަތްތައް އަދި އޮތީ ކުރިއަށް ކަމަށެވެ.