ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ތުރުކީއަށް ވަޑައިގަންނަވާނެ އެވެ. ބޭނުންފުޅަކީ މިދިޔަ ހަފުތާގައި ތުރުކީ އަށާއި ސީރިއާއަށް އައި ފަނާކުރަނިވި ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ހަމްދަރުދީވެ ވަޑައިގަތުމެވެ.
ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުގައި ނޭޓޯގެ ފަރާތުން ތުރުކީއަށް ވެެދެވެން ހުރި އެހީތަކާއި އެއްބާރުލުމާ ބެހޭ ގޮތުން އެ ގައުމުގެ ވެރިންނާ މަޝްވަރާ ކުރައްވާނެ އެވެ.
ނޭޓޯ ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާ އެކު ދެ ދުވަހަށް ދެމިގެންދާ ގޮތަށް ބޭއްވި ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހު ސްޓޮލްޓަންބާގް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫއާ ބައްދަލުކުރައްވާނެ އެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ނޭޓޯގެ މެމްބަރު ގައުމެއްގެ ރައްޔިތުން -- ލޯބިވާ އެތައް ހާސް ބަޔަކު ނިޔާވުމާ ގުޅިގެން -- އުފުލާ ތަކުލީފުގައި ބައިވެރިވެ ވަޑައިގެން އާޢިލާތަކަށް ތައުޒިޔާ ދަންނަވާނެ އެވެ.
އެ ހިތާމާގައި ބައިވެރިވުމަކީ ހިތާހިތުން ކުރައްވާ ކަމެއް ކަމަށްވެސް ސްޓޮލްޓަންބާގް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުން ނިންމަވާލައްވަމުން ތުރުކީއަށް އެހީތެރިވުމުގައި އަތާއި އަތް ގުޅުވާލުމަށް ގައުމުތަކުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
ގައުމުތަކުން ތަކެތި ތުރުކީއަށް ފޯރުކޮށް ދިނުމުގައި -- އެ ތަކެތި ތުރުކީއަށް އުފުލޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް ވެސް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓޮލްޓާންބާގް ވިދާޅުވި ގޮތުގައި ނޭޓޯ ގައުމުތަކުން މިހާރު ވެސް ދަނީ ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނޭޓޯއަށް ނިސްބަތްވާ 20 ގައުމަކުން އަދި އެ ގައުމުތަކާ ގުޅުން އޮންނަ 30 ގައުމަކުން ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރަށް އައި ބާރުގަދަ ދެ ބިންހެލުމެއްގައި 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރިކްޓާ މިންގަނޑުން 7.7 ބާރުމިނުގައި އައި ބިންހެލުމުގައި ފަސްގަނޑު ކަނޑައިގެން ގޮސް ފުން ވަޅުތައް ހެދިފައި ހުރި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.