އުސާމާ ބިން ލާދިން ކިޔާ ބޮޑު، ކަރު ދިގު ކިނބުލެއްގެ އުނދަގުލުން ޔޫގެންޑާގެ ކުޑަ އަވަށަކަށް ސަލާމަތް ނުވެވިގެން 14 ވަރަކަށް އަހަރު އުޅެފައި ވެއެވެ.
ސޯޅަ ފޫޓު ދިގު މި ކިނބުލުގެ އުމުރުން މިހާރު 75 އަހަރު ވެދާނެކަމަށް އެ އަވަށުގެ މިހުން ލަފާ ކުރެ އެވެ. ޔޫގެންޑާގެ ލުގާންގާ އަވަށުން 1991 އާއި 2005 ވަނަ އަހަރާ ދެމެދުގެ މުއްދަތެއްގައި 80 އަށް ވުރެ ގިނަ މީހުން މި ކިނބޫގެ ޝިކާރައަކަށްވެ މަރުވެފައި ވެއެވެ. މިއީ އެ ކުޑަކުޑަ އަވަށުގެ އާބާދީގެ ގާތްގަނޑަކަށް 10 ބައިކުޅަ އެއް ބައެވެ.
ސޯޅަ ފޫޓު ދިގު މި ކިނބޫ ގިނައިން ހަމަލަ ދެނީ އެ އަވަށުގެ މީހުން ބޯން ފެން ނަގާ ކޯރާ ކައިރިއަށްދާ ކުޑަކުދިންނަށެވެ. އެ އަވަށުގެ މީހުން ބުނާ ގޮތުގައި ކުދި ބޯޓުތަކުގެ ދަށަށް ވަދެ އެ ބޯޓުތައް ބަންޑުން ޖަހައިގެން ވެސް އެ ކިނބޫ ވަނީ ގިނަ އަދަދެއްގެ މީހުން މަރާފަ އެވެ. އަދި މަސްވެރިން ބޭނުންކުރާ ލަކުޑި ބޯޓުފަހަރަށް ފުންމައިގެން އަރާ ވެސް ބައެއް މީހުންނަށް މި ކިނބޫ ހަމަލަ ދީފައިވާ ކަމަށް ވެއެވެ.
ޕޯލް ކައިވަލްޔަންގާ ކިޔާ އެ އަވަށުގެ މީހަކަށް އެއް ފަހަރު މި ކިނބުލާ ދިމާވި އެވެ. އެ ފަހަރު އޭނާ ސަލާމަތްވީ ނަމަވެސް އޭނާގެ އެއްބަނޑު އެއްބަފާ ފިރިހެންކޮއްކޮ ސަލާމަތެއް ނުވި އެވެ.
ސިޑްނީ މޯނިން ހެރަލްޑްގައިވާ ރިޕޯޓަކަށް ޕޯލް ދީފައިވާ އިންޓަވިއު އެއްގައި ބުނީ އޮސާމާ ކިނބޫ ފެންގަނޑުން ބޯ ހިއްލާލަނީ ވެސް ކޮޅަށް ހުރެގެންނެވެ. ހިއްލާލާ ގޮތަށް ބޯޓުގެ މެދަށްވާ ގޮތަށް ބޯޓަށް ވެއްޓިގެންނަނީ އެވެ. އޭނާ ދަތުރުކުރި ބޯޓަށް އެސޮރު އެގޮތަށް ވެއްޓިގަތްއިރު އޭނާ އިނީ ބޯޓުގެ ފަހަތުގައި ކަމުން އޭނާއަށް ބޯޓުން ނުވެއްޓި އިނދެވުނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ޕީޓާ އޮތީ ބޯޓުން ބޭރަށް އެލިފަ އެވެ.
ކިނބޫގެ ކިބައިން ސަލާމަތްވާން ކޮއްކޮ ފަސްވަރަކަށް މިނިޓް މަސައްކަތް ކުރިކަން އެނގޭ ކަމަށާއި އޭގެ ފަހުން ކިނބޫ ކޮއްކޮގެ ފައިގައި ދަތްއަޅައި ކޯރު ތެރެއަށް ދަމައިގަންނަން އުޅުމުން އޭގެ ކިބައިން ސަލާމަތްވާން ކޮއްކޮ ވަރަށް މަސައްކަތް ކުރި ކަމަށް ޕޯލް ބުންޏެވެ. ނަމަވެސް ކޮއްކޮއަށް ހިތްވަރު ކޮށްލެވުނީ ކުޑައިރުކޮޅަކު ކަމަށާއި އިރުކޮޅަކުން ކޯރު ތެރެއަށް ގޮސް ކޮއްކޮ ގެއްލުނީ ކަމަށް އޭނާ ބުންޏެވެ.
މި ކިނބު ވަނީ 2005 ވަނަ އަހަރު ހިފާފަ އެވެ. އެ ސޮރު ހިފުނީ ވައިލްޑް ލައިފް އޮފިޝަލުންގެ ބަޔަކާއި އަވަށުގެ 50 މީހަކު ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. ވައިލްޑް ލައިފް އޮފިޝަލުން އައީ އަވަށުގެ މީހުން އެހީއަށް އެދި އެތައް ފަހަރަކު އާދޭސްކޮށްގެންނެވެ.
އަވަށުގެ ގިނަ ބަޔަކު ބޭނުންވީ ކިނބޫ މަރާލަން ނަމަވެސް ކަމާބެހޭ އިދާރާތަކުން އެސޮރު މަރާނުލާ ހިފައިގެން ގެންދިޔައީ އެވެ. އަދި އެސޮރު ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށް ވެއެވެ.