ބޮލީވުޑް

"ލަގާން"އަށް އޮސްކާ ނުލިބުމުން އާމިރު ހާން ވަރަށް މާޔޫސްވި

ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރް 2001 ގައި އުފެއްދި "ލަގާން" ވަނީ ބެސްޓް ފޮރިން ލޭންގްއޭޖް ފިލްމުގެ އޮސްކާ އަށް ނޮމިނޭޓް ވިޔަސް އެވޯޑު ނުލިބި ވަނީ ކަޓާފަ އެވެ. ކްރިކެޓާއި ވަތަނީ ލޯތްބާ ގުޅޭ މި ފިލްމު ރިލިޒް ކުރިތާ 20 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ފިލްމުގައި ބައިވެރިވި ފަންނާނުން ވަނީ ފިލްމުގެ އެކިއެކި ހަނދާންތައް އާކޮށްފަ އެވެ. އެގޮތުން ފިލްމުގެ ބަތަލު އާމިރު ޚާން ވަނީ އެ ފިލްމާ ގުޅޭ ގޮތުން އޭނާ ދެކޭ ގޮތް ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް މީޑިއާތަކާ ހިއްސާ ކޮށްފަ އެވެ.

އާމިރު ބުނި ގޮތުގައި ކޮންމެ ކޮންމެ ފިލްމަކީ މީހުން ހަނދާނުން ފޮހެނުލެވޭ ވަރުގެ މޮޅު ފިލްމަކަށް ނުވާނެ އެވެ. "ލަގާން" އަކީ އެފަދަ ފިލްމަކަށް ވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ.

ކުރީ ޒަމާނުގެ ބައެއް ހިންދީ ފިލްމުތަކުގެ ތެރެއިން 1960 ގައި ރިލީޒްކުރި "މުގްލޭ އާޒަމް"، 1957ގަ އި ރިލީޒްކުރި "މަދާ އިންޑިއާ"، 1961 ގައި ރިލީޒްކުރި "ގަންގާ ޖަމުނާ" އަދި 1975 ގައި ރިލީޒްކުރި "ޝޯލޭ" އަކީ ހުރިހާ ޒަމާނެއްގައި ވެސް ބެލުންތެރިން ޝައުގުވެރިކަމާއެކު ބަލާފައިވާ އަދި ބަލަމުންދާ ކްލެސިކް ތަކެކެވެ. "ލަގާން" އަކީ ވެސް އެފަދަ ފިލްމަކަށް ވެދާނެ ކަމަށް މިހާރު އާމިރު ގަބޫލު ކުރެ އެވެ.

"ވިހި އަހަރުވަންދެން ބެލުންތެރިންގެ މަގްބޫލުކަން އެ ފިލްމަށް ލިބިއްޖެ. ތިރީހަކަށް އަހަރުވާއިރު އެ މަގްބޫލުކަން އޮވެދާނެއެކޭ ބުނާކަށް ނޭނގޭ. ނަމަވެސް އުންމީދު ކުރަނީ އަބަދުވެސް މީހުން ބަލާހިތުން ބަލާލާނެ ފިލްމަކަށް އެ ފިލްމު ވާނެ ކަމަށް،" އާމިރު ބުންޏެވެ.

އާމިރު ބުނި ގޮތުގައި "ލަގާން" އޮސްކާއަށް ނޮމިނޭޓްވެ އެވޯޑު ނުލިބުމުން މާޔޫސްވިތޯ ވަރަށް ގިނަ ބަޔަކު އޭނާއާ ސުވާލުކުރެ އެވެ.

"ހަގީގަތުގައި ވެސް އަހަރެން އެކަމާ ވަރަށް މާޔޫސްވި. ކާކު އޮސްކާ އެވޯޑެއް ލިބެން ބޭނުން ނުވާނީ. ބައެއް މީހުން އަހަންނާ ސުވާލުކުރި ފިލްމުގެ ދިގުވެފައި ލަވަތައް ހުރީމަ އެކަޑަމީ މެމްބަރުންނަށް ކަމުނުދިޔައީ ބާއޭ. އަހަރެންނަށް ހީވަނީ އެއީކީ ނޫންހެން މައްސަލައަކީ. އެންމެ މޮޅު ފަސް ފިލްމުގެ ތެރޭގައި ފިލްމު ނޮމިނޭޓް ވީ ހަމަ ގައިމުވެސް މެމްބަރުންނަށް ފިލްމު ކަމުދިޔައިމަ. އޮސްކާއަށް ފިލްމެއް ނޮމިނޭޓް ވުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެއް ފިލްމަކާ އަނެއް ފިލްމެއް އަޅައެއް ނުކިޔޭނެ. 'ލަގާން' އާއި 'ދަންގަލް' އަޅާ ކިއިދާނެތަ؟ ދެ ފިލްމަކީ ވެސް އޭގެ ޒާތުގައި މޮޅު ފިލްމުތައް. ވެދާނެ ބައެއް މީހުންނަށް 'ލަގާން' އަށް ވުރެ އެހެން ފިލްމެއް ތަންކޮޅެއް މޮޅުކަމަށް ގަބޫލު ކުރެވުނީ ކަމަށް،" އާމިރު ބުންޏެވެ.

އާމިރު ބުނި ގޮތުގައި އޭނާގެ ފިލްމުތަކުން އޭނާއަށް ލިބޭ އެންމެ ބޮޑު އެވޯޑަކީ ބެލުންތެރިން އެ ފިލްމެއް ދެކެ ލޯބިވުމެވެ.
"އަހަރެން 'ލަގާން' އުފައްދަން އުޅުނުއިރު ފިލްމު އިންޑަސްޓްރީގައި ތިބި އަހަރެންގެ ވަރަށް ގާތް ދެ އެކުވެރިން ކަމަށްވާ އަދިތުޔާ ޗޯޕްޅާ އާއި ކަރަން ޖޯހަރް އާ ބައްދަލު ކުރިން. އެ ފިލްމު އެންމެ ޝެޑިއުލަކުން ފުރިހަމަކުރަން އުޅޭތީ އެމީހުން އޭރު ކަންބޮޑުވި. އަދި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އަހަރެން ނަގަނީ ވަރަށް ބޮޑު ރިސްކެއް ކަން އެމީހުން ހަނދާން ކޮށްދިން،" އާމިރު ބުންޏެވެ.