ބައިނަލްއަގްވާމީ އާބިޓްރޭޝަނާ ގުޅޭ ގޮތުން އަމަލުކުރާ އުސޫލު އެކުލަވާލައި އާންމުކޮށްފި އެވެ.
މިއުސޫލަކީ 2013 ވަނަ އަހަރު އަމަލުކުރަން ފެށި އާބިޓްރޭޝަނުގެ ގާނޫނުގެ ދަށުން ބައިނަލްއަގްވާމީ އާބިޓްރޭޝަންތަކާ ގުޅޭ ގޮތުން ހައިކޯޓުން އަމަލުކުރުމަށް ހަދާފައިވާ އުސޫލެކެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމަލުކުރަން ފެށި މިއުސޫލުގެ ބޭނުމަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލައަކާއި ގުޅިގެން ވަގުތީ ފިޔަވަޅަށް އެދުމުގެ އިޖުރާތްތަކާއި ވަގުތީ ފިޔަވަޅު އެޅުމުގައި ކޯޓުން އަމަލުކުރާނެ ހަމަތައް ބަޔާންކުރުމެވެ.
މިއުސޫލުގައިވާ ގޮތުން ބައިނަލްއަގްވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ހައިކޯޓަށް މައްސަލަ ހުށަހަޅަންޖެހެނީ އެކަމަށް ކަނޑައަޅައި އާންމުކޮށްފައިވާ ހާއްސަ ފޯމަކުންނެވެ.
ހައިކޯޓަށް ހުށަހަޅާ މިފަދަ މައްސަލަތައް ބަލަންޖެހެނީ ހައިކޯޓުގައި އާންމުކޮށް އަމަލުކުރާ އުސޫލުން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. މައްސަލާގައި ހިމެނޭ ފަރާތްތަކުން ކޯޓަށް ހުށަހަޅާ ލިޔެކިޔުން ހުރީ އިނގިރޭސި ނުވަތަ އަރަބި ފިޔަވާ އެހެން ބަހަކުން ކަމަށްވާނަމަ އެ ލިޔެކިޔުމެއް ކޯޓަށް ހުށަހަޅަން ޖެހެނީ ދިވެހި ބަހަށް ތަރުޖަމާކޮށްގެންނެވެ.
އުސޫލުގައިވާ ގޮތުން ބައިނަލްއަގްވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދެ އެވެ. އެކަމަކު އެ ހާލަތުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް އާބިޓްރޭޝަންގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން ކޯޓުގެ އަމިއްލަ އިސް ނެގުމުގައި އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށް ވެސް ހަމަ އެ ނިސްބަތުން ލިބިގެންވެ އެވެ.
މިއުސޫލުގައިވާ ފަދަ އަމުރެއް ނެރުމަށްޓަކައި ހިނގަމުންދާ ބައިނަލްއަގްވާމީ އާބިޓްރޭޝަނާ ގުޅޭ ނުވަތަ ސީޓް އޮފް އާބިޓްރޭޝަންގެ އުސޫލުތަކާ ގުޅޭ ލިޔެކިޔުންތަކުގެ ތަރުޖަމާ އެފަދަ އަމުރަކަށް އެދޭ ފަރާތުން ނުވަތަ މައްސަލަ ހުށަހެޅި ފަރާތުން ހައިކޯޓަށް ހުށަހެޅުމަށް އެ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުންނަށް އެންގިދާނެ އެވެ.
ބައިނަލްއަގްވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމަށް އެދި އެ މައްސަލައެއްގައި ހިމެނޭ ހަސްމުންނަށް ހައިކޯޓުގައި އެދެވިދާނެ އެވެ. އަދި މިގޮތުގެމަތިން ނެރޭ އަމުރުތަކާއި އަޅާ ފިޔަވަޅުތައް ވެސް ހައިކޯޓުން އަޅަންވާނީ މިއުސޫލުގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރޭގައި ކަމަށް ބުނެފައިވެ އެވެ.
ބައިނަލްއަގްވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ވަގުތީ ފިޔަވަޅު އެޅުމުގައި ވަގުތީ އަމުރަށް އެދި އާންމުކޮށް ހުށަހަޅާ މައްސަލަތަކުގައި ކޯޓުން އާންމުކޮށް ރިއާޔަތްކުރާ ކަންކަމަށް ރިއާޔަތް ކުރަން އުސޫލުގައި އަންގާފައިވެ އެވެ.
ބައިނަލްއަގްވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން އަޅާ ވަގުތީ ފިޔަވަޅަކީ ހިނގަމުންދާ އާބިޓްރޭޝަނަށް ނުވަތަ މައުލޫއީ މައްސަލައަށް އެކަމުގެ ސަބަބުން އަސަރު ނުކުރާނެ އަދި މައުލޫއީ މައްސަލައަށް ގޮތެއް ކަނޑަނޭޅި ދެވިދާނެ ފަރުވާއެއް ކަން ކޯޓުން ކަށަވަރު ކުރުމަށްވެސް އުސޫލުގައި ލާޒިމްކޮށްފައިވެ އެވެ.