ހައިކޯޓުގެ ގޮފިތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި މިއަދުން ފެށިގެން އުވިގެންދާނެ އެވެ. އެތަންތަނުން ކުރަމުން އައި މަސައްކަތްތައް މިހާރު ވަނީ ހައިކޯޓަށް ބަދަލުކޮށްފަ އެވެ.
މި ގާނޫނު މިއަދު ރައީސް ތަސްދީގުކުރެއްވުމުން މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.
މި ގާނޫނުގައިވާ ގޮތުން، ހައިކޯޓުގެ ގޮފިތަކުގައި މަސައްކަތްކުރި ފަނޑިޔާރުންނާއި މުވައްޒަފުންނަށް އެހެން ކޯޓުތަކުންނާއި ޝަރުއީ ދާއިރާގެ އެހެން އިދާރާތަކުން ވަޒީފާ ހަމަޖައްސައިދިނުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މަތިކޮށްފައިވެ އެވެ.
ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ ސ. ހުޅުމީދޫ ގައެވެ. އުތުރުގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގަ އެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 16، 2015 ވަނަ ދުހުން ފެށިގެންނެވެ. ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.
ހައިކޯޓުގެ އުތުރުގޮފި ހުޅުވުނީ އޮކްޓޯބަރު 22، 2018 ގައެވެ. ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ ގޮފިން ބަލަނީ ހއ، ހދ، ށ، ނ، ރ، އަދި ބ ގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައީ ރާއްޖޭގައި ގާއިމުވެފައިވާ އަދުލުއިންސާފުގެ ނިޒާމުގައި ހިމެނޭ ޝަރުއީ ކޯޓުތަކާއި އެ ކޯޓުތަކުން ހިންގާ ޝަރީއަތްތައް ހިނގަމުންދަނީ އެ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހުތިސޯސްއާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރުކުރުމަށްޓަކަ އެވެ.